ENGLISH
21 ފެބްރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް: ޕެނަލްޓީގައި ނިއު ބަލިކޮށް، މާޒިޔާ ފައިނަލަށް
21 ފެބްރުއަރީ 2026
|
މާޒިޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ސިޑިބަރި
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު 4-3 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ލަނޑުޖެހިއެވެ. މެޗުގެ 28 އާއި 40 ވަނަ މިނެޓުގައި މާޒިޔާ އަށް މި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. މި ދެ ގޯލާއެކު މާޒިޔާ އިން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ނިއު އިން ދެވަނަ ހާފު ފެށީ ބަދަލަކާއެކު އެވެ. އެގޮތުން، އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އެރުވިއެވެ. އޭގެ ނަތީޖާއެއްގެގޮތުން، މެޗުގެ 51 ވަނަ މިނެޓުގައި އަލް ހާޖީ ގޭރޯ ވަނީ ނިއު އަށް ލަނޑެއްޖަހައިދީފައެވެ.
އޭގެފަހުން، ނިއު އިން ވަނީ އިތުރު ބަދަލަކަށް މޫސާ ޔާމިންގެ ބަދަލުގައި އަލީ އަޝްފާޤު (ދަގަނޑޭ) ކުޅެން އަރުވާފައެވެ. މާޒިޔާ އިން ވަނީ ހަމްޒާ މުޙައްމަދު (ހަމްޕު) ކުޅެން ނެރެފައެވެ.
ދަގަނޑޭ ކުޅެން އެރިތާ ހައެއްކަ މިނެޓުގެ ތެރޭގައި، މެޗުގެ 67 ވަނަ މިނެޓުގައި އޭނާ ވަނީ ނިއު އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނިއުގެ ގޯލަށްފަހު ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއްލިބި ބޭނުމެއްނުހިފުނެވެ. އޭގެތެރޭގައި، ނިއުގެ ދަގަނޑޭ އާއި މާޒިޔާގެ ހަމްޕު އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް އިތުރު ގޯލެއްޖެހޭގޮތްނުވުމުން، ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާ އިން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އިބްރާހިމް އައިސަމްގެ ޕެނަލްޓީ ނިއުގެ ކީޕަރު މުޙައްމަދު ފައިސަލް ހުއްޓުވިއެވެ. މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަމްޕުގެ އިތުރުން އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ނާޒިމް މަމަދްޒާދާ އާއި ރޭގަން އޮބެން އަދި އައިހަމް އެވެ.
ޕެނަލްޓީގައި ނިއު އިން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ، އަބްދުލައި ބިލިޓީ އާއި ދަގަނޑޭގެ ޕެނަލްޓީ މާޒިޔާގެ ކީޕަރު، ހުސައިން ޝަރީފް މަތަކުރިއެވެ. ނިއު އަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް، އަލް ހާޖީ ގޭރޯ އާއި ސެންޓޭގެ އިތުރުން އަހުމަދު ހުސާމް އެވެ.
މުބާރާތުގެ ދެވަނަ ސެމީގައި މިރޭ އޮޑި ސްޕޯޓްސް ކްލަބު ނިކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10 ޖަހާއިރު އެވެ.