ENGLISH
18 ފެބްރުއަރީ 2026
ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އާދިއްތަ ދުވަހު ފަށަނީ
18 ފެބްރުއަރީ 2026
|
ދިވެހިރާއްޖޭގެ ހައިކޯޓު
އެންމެ މަޤްބޫލު
އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ އަންނަ އާދީއްތަ ދުވަހު ހައި ކޯޓުގައި ފަށާ ގޮތަށް ހަމަޖައްސައިިފި އެވެ.
އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދޭން ކޯޓަށް ހުށަހެޅުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕީޖީ އޮފީހަށް ހުށަހެޅި ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ހަމަ އެ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާއިރު ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:50ގައި އޮންނާނެކަން ހައި ކޯޓުން އެ އޮފީހަށް އަންގާފައި ވާކަމަށެވެ.
"ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް ޕީޖީ އޮފީހަށް ފެންނަ ކަމަށް މީގެ ކުރިން އެ އޮފީހުން ބުނެފައި ވެއެވެ.
މި ހުށަހެޅުމާއެކު ޕީޖީ އޮފީހުން ވަނީ އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި،"ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފަ އެވެ.
މިއީ މިދިޔަ އަހަރު އޮގަސްޓް މަހު އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަކި ގްރޫޕެއް އެއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
މި ޤާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު "އެކްޓިވް" ގްރޫޕްތަކާ މެދުގައެވެ.
ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ވަނީ ބުނެފައެވެ.