ENGLISH
03 މޭ 2026
ޒިންމާދާރު މިނިވަން ނޫސްވެރިކަން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޕީއެންސީގެ ތާރީފު
03 މޭ 2026
|
ޕީއެންސީގެ އެއްވުމެއްގެ ތެރެއިން، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ޒިންމާދާރު މިނިވަން ނޫސްވެރިކަން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތާރީފުކޮށްފިއެވެ.
ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީޑިޔާއާއި ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މިނިވަން ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެބަޔާނުގައި ދީފައިވެއެވެ.
ޕީއެންސީގެ ސަރުކާރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި، ނޫސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީ، ދިވެހި ނޫސްވެރިންނަކީ ފަންނީ ގޮތުން ޤާބިލު، ޒަމާނަަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަކުރެވޭ މިންވަރުގެ ހުނަރުވެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް އެހީތެރިވަމުންދާނެ ކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކޮށް، ޒިންމާދާރު މިނިވަން ނޫސްވެރިކަމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ބަޔާނުގައި ވަނީ ޝުކުރުއަދާކޮށްފައެވެ.
ޕީއެންސީއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަަމަކީ އެކަމުގެ މައްޗަށް ޑިމޮކްރެޓިކް މުޖުތަމައެއްގެ ދިރުމާއި މަރު ބިނާވާ އަސާސެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޕާޓީން ބުނީ ތެދު މައުލޫމާތު ލިބުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރަނގަޅު ނިންމުންތައް ނިންމުުމަށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަމެއް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ވަނީ، ހާމަކަންބޮޑު ޖަވާބުދާރީވަނިވި ދައުލަތެއްގެ ދެމިއޮތުން ބިނާވަނީ، ދައުލަތުގެ ހުރިހާ ބާރުތަކެއްގެ މައްޗަށް ފާރަވެރިވުމާއެކު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަންކަމުގެ ހަގީގަތް ބަޔާންކޮށްދޭ މިނިވަން ނޫސްވެރިކަމުގެ މައްޗަށް ކަމަށެެވެ.
އެހެން ނަމަވެސް، ނޫސްވެރިކަމާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު، އެންމެންގެ ހައްގުތަކަށް ރައްކާތެރިވެވޭ ގޮތަށް ކަމަށާއި އަދި އެއްވެސް މީހެއްގެ އަސާސީ ހައްގުތައް ނިގުޅައިގަތުމާއި މުޖުތަމައުގެ އާންމު މަސްލަހަތު ނަގާލުމަށް ބޭނުންކުރެވޭ އާލަތަކަށް ނޫސްވެރިކަން ނުހެދުމަށްވެސް ވަނީ އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
އަދި ކުރާ އެހެން ކަންތައްތަކެކޭ އެއްފަދައިން ނޫސްވެރިކަމުގައިވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޙުލާގީ ގިއުގަނޑުގެ ތެރޭގައި ސުލޫކު ބެހެއްޓުމަކީ ދީނީ އަދި އަހުލާގީ ޒިންމާއެއް ކަމަށް ދެކިގެން މަސައްކަތް ކުރުމަށް ވެސް އެދިފައިވެއެވެ.