ENGLISH
17 ފެބްރުއަރީ 2026
ޕްރެޒިޑެންޓްސް ކަޕް: ސެމީގައި ނިއު-މާޒިޔާ އާއި އޮޑިއާ ބުރު ބައްދަލުކުރާން ޖެހިއްޖެ
17 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި ކްލަބް އީގަލްސް އަތުން އޮޑި މޮޅުވީ 4-2 އިންނެވެ. މުބާރާތުގެ ގްރޫޕް އެކެއްގައި މާޒިޔާ އިން ވިކްޓްރީ ބަލިކުރީ 2-0 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕް ދޭކުން ސެމީ އަށް އޮޑިއާއި ނިއު ދަތުރުކުރިއިރު، އެއްވަނަ މަގާމު ލިބުނީ އޮޑިއަށެވެ. ގްރޫޕް އެކެއްގެ އެއްވަނަ މާޒިޔާ ހޯދިއިރު، ދެވަނަ ހޯދީ ބުރު ސްޕޯޓްސް ކްލަބެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކުރީން ލީޑުނެގީ އީގަލްސް އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އިސްމާއިލް އީސާ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 59 ވަނަ މިނެޓުގައި އޮޑި އަށް އެއްވަރުކޮށްދިނީ އަހްޒަމް ރަޝީދެވެ. އޭގެ 12 މިނެޓުފަހުން، އޮޑި އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ވެސް އޭނާ އެވެ.
މި މެޗުގައި އޮޑިން ޖެހި ތިންވަނަ ލަނޑު، 87 ވަނަ މިނެޓުގައި އަހުމަދު އައިހަމް ކާމިޔާބުކޮށްދިންެއިރު، އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި އަޔާޒް އަހުމަދު (އަޔާ) ވަނީ އިތުރު ލަނޑެއްޖަހައި، އޮޑި އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި އީގަލްސް އަށް ފަރަގު ކުޑަކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ވިކްޓްރީ ކޮޅަށް މާޒިޔާ އިން ވައްދާލި ދެ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މާޒިޔާ އިން މި ދެ ލަނޑުވެސް ޖެހީ ތިން މިނެޓުގެ ތެރޭގައެވެ. އެ ޓީމުން މެޗުގެ 36 ވަނަ މިނެޓުގައި ލީޑު ނެގީ ސްޕެއިނުގެ ފޯވާޑް، ސާޖިއޯ އިގްލީސިއަސްގެ ލަނޑުންނެވެ. އޭގެ ތިން މިނެޓުފަހުން، މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ ހައިޝަމް ހަސަން އެވެ.
މިއާއެކު، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާޒިޔާ ނިކުންނާނީ ވާދަވެރި ނިއުއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އެވެ. ސެމީގެ ދެވަނަ މެޗުގައި ބުރު ބައްދަލުކުރާނީ އޮޑިއާ އެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އެވެ.