ENGLISH
12 ފެބްރުއަރީ 2026
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުންގެ ތެރޭގައި ރައީސް މުޢިއްޒު
11 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު، "ޓައިމް100 ހެލްތު 2026" ގައި ހިމެނިވަޑައިގެންފައިވަނީ ރާއްޖޭގެ އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ.
އެ މެގަޒިންގައި ފާހަގަކޮށްފައިވާގޮތުން، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވައި މި ދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން ބައެއް ޤާނޫނުތައް ވުޖޫދަށް ގެނައުމާއި، ޤާނޫނުތަކަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނެވިކަން ފާހަގަކޮށްފައިވެއެވެ.
ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކުރާ ޤާނޫނެއް ރާއްޖޭގައި ވަނީ ތަންފީޒުކުރަން ފަށާފައެވެ. މިއީ ދުނިޔޭގެ ފެންވަރުގައިވެސް މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ޤައުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުން ފެށިގެން ވޭޕް އަދި އީ-ސިނގިރޭޓް އެތެރެކުރުމާއި، ބޭނުންކުރުން އަދި ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
މި ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ، "ސަރުކާރުގެ ސިޔާސަތު މީގެ ކުރިން ބޮޑަށް ބިނާވެފައި އޮތީ ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް ކަމަށާއި، ނަމަވެސް މިހާރު ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވާ" ކަމަށެވެ.
ރައީސް މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ޤާއިމުކޮށްފައެވެ. އަދި 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގުޅޭގޮތުން އެކި ޕޯޑިއަމްތަކުގައި ރައީސް ވަނީ، މި ހުރިހާ ކަމެއް ކުރެވެނީ ރާއްޖޭގެ މުޅި އާބާދީގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ޞިއްޙަތަށް މާނަހުރި، ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގެ މަޤްޞަދުގައިކަން ފާހަގަ ކުރައްވާފައެވެ. ޓައިމް މެގަޒިންގެ މި ލިސްޓަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ލީޑަރޝިޕް ބަލައިގަންނަކަން ހާމަކޮށްދޭ ކަމެކެވެ.
ޓައިމްސް މެގަޒިންގެ މި ލިސްޓުގައި ރައީސްގެ ނަންފުޅު ހިމެނިފައިވާއިރު ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ޚާއްސަ އެވޯޑެއް ވެސް ވަނީ އެމަނިކުފާނަށް އަރުވާފައެވެ. ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލްގެ މި ޚާއްސަ އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ 2025 ވަނަ އަހަރު، ދުނިޔޭގެ ދުންފަތާ ދެކޮޅަށް ފާހަގަކުރާ ދުވަހުއެވެ.