ENGLISH

07 ފެބްރުއަރީ 2026

Advertisement

ކޮރަޕްޝަން ހިންގާ މީހުންގެ މައްސަލަ ހެއްކާއެކު ގެނެސްދީ، ފިޔަވަޅު އަޅާނަން: ރައީސް

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް ރިޔާސީ ބަޔާން އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް މީހެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އެމަނިކުފާނާ  ހަމަޔަށް ގެނެސްދެއްވައިފިނަމަ އެ މީހެއްގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ކުޑަކޮށް ވެސް ފަސްޖެހިވަޑައި ނުގަންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން ކޮރަޕްޝަންގެ ވަބާ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށްބޮޑަށް ނެތިގެންދާނޭ ކަމަށް ޤަބޫލުކުރައްވާކަމަށާއި، މިސަރުކާރުން ދަނީ ކޮރަޕްޝަން ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.

އެ ގޮތުން ކަމާގުޅޭ ބިލުތައް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ހުށައަޅުއްވާ ބިލުތަކުގެ ތެރޭގައި އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބިލުތަކުގެ އިތުރުން، މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުޙައްޤު މުއްސަނދިކަމުގެ ކުށާގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން މިމައްސަލައަށް ޙައްލެއް ގެނައުމުގައި ގިނަގުނަ ކުރިއެރުންތައް ލިބޭނެކަމަށް ޔަޤީންކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"އަދި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަޅުގަނޑު ދޭ ޔަޤީން ކަމަކީ، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އަޅުގަނޑާ ހަމަޔަށް ގެނެސްފިނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަޅުގަނޑު ކުޑަކޮށްވެސް ފަސް ނުޖެހޭނެކަން!" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ކޮރަޕްޝަނުގެ އަމަލުތަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރުން ފަސްނުޖެހޭނެކަމަށް ރައީސް ވިދާޅުވިއިރު މި ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމާއެކު އެބޭފުޅުން މަގާމުން ދުރުކޮށް އަވަސް ތަހުގީގުތަކެއް ހިންގި ތަން މާޒީން ވަނީ ފެނިފައެވެ. 

ކިޔުންތެރިންގެ ހިޔާލު