ENGLISH

07 ފެބްރުއަރީ 2026

Advertisement

ކުޅުދުއްފުށީގައި ހުއްޓިފައި އޮތް 400 ޔުނިޓާައި، އިތުރު 2،000 ހައުސިން ޔުނިޓު މަސައްކަތް މި އަހަރު ފަށާނެ

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރޭގެ ޖަލްސާގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ

ކުރީ ސަރުކާރުން ފަށައި މިހާރު ހުއްޓިފައިވާ ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތާއި، މި ސަރުކާރުން އަލަށް ކުޅުދުއްފުށީގައި ތަރައްގީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި އަހަރު ފެށޭނެކަމުގެ އުފާވެރި ޚަބަރު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެ ސިޓީގެ ރައްޔިތުންނަށް ދެއްވައިފިއެވެ. 

ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި އެކަން ހައްލުކުރަން މި ސަރުކާރުން ދަނީ މަޝްރޫއުތައް އަވަސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

އެ ސީޓީގައި ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓްގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ފެށުނު މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ކުންފުންޏަކާ ހަވާލުކުރެވުނު މަސައްކަތަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 65 މިލިއަން ރުފިޔާ، އަދި ޕްރޮޖެކްޓު ހިނގަމުން ދަނިކޮށް އިތުރު 21 މިލިއަން ރުފިޔާ ދޫކުރެވުނު ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔައިރު މި މަޝްރޫއުން ނިމިފައިވަނީ އެންމެ 18 އިންސައްތަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖުމުލަ 86 މިލިއަން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވުމުން މި ސަރުކާރުން މަސައްކަތްކުރީ އެ ކުންފުނިން މި މަޝްރޫއު ނިންމުމަށް ބާރު އެޅުމަށް ކަމަށާއި ނަމަވެސް އަލިމަގެއް ނުފެނުމުން ކޮންޓްރެކްޓު ބާތިލުކޮށް، މުޅި މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އާ ހަވާލުކޮށްފައި ވާކަމަށް ވިދާޅުވިއެވެ. 

"މި މަހުގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން އަންނަ މާޗު މަހުގެ ތެރޭގައި އެޗްޑީސީން މަސައްކަތް ކުރާނެ ބަޔަކު ހޯދައި މަސައްކަތް ފެށުމުގެ ކަންކަން ހަމަޖެހިގެންދާނެ. މީގެ އިތުރަށް ރައީސްގެ ވައުދުފުުގައި ހިމެނޭ 2000 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ހަވާލުކުރީ އެޗްޑީސީއާ. އެކަމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދައި މި އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހައްގުވެރިންނަށް ހުޅުވާލެވޭނެ." -  އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

ކުޅުދުއްފުށީ ސިޓީގައި އަލަށް ފަށާ 2000 ހައުސިން ޔުނިޓުގެ މަސައްކަތާއި އެ ސިޓީގައި ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ރައީސް މުއިއްޒު މިދިޔަ އަހަރު އެ ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. 

މި 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްގީކުރަނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްގީކޮށްދޭނެ ފަދަ ސްކީމެްގެ ތެރެއިންނެވެ. އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންނެވެ. 

އެ ސިޓީގައި ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މިމަސައްކަތް ހުއްޓިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު