ENGLISH

18 ޖެނުއަރީ 2026

Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރަނގަޅު ކުޅުމެއްދެއްކިނަމަވެސް ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

17 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއްދެއްކިނަމަވެސް، ޕާކިސްތާން އަތުން 3-1 އިން ރާއްޖެ ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ތިންވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ބަލިވިނަމަވެސް، ދެވަނަ މެޗުގައި އެއަށްވުރެ ކުޅުން ރަނގަޅުކުރިއިރު ނޭޕާލް އަތުން ބަލިވީ 5-0 އިންނެވެ. އެއަށްފަހު، މިއަދުގެ މެޗުގައި ރާއްޖޭން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައި، ޖުމްލަކޮށް ރަނގަޅު ކުޅުމެއްދައްކާފައެވެ.

ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕާކިސްތާންގެ އަޒްވާ ޗައުދަރީ ވަނީ ލީޑު ނަގައިދީފައެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި އޭރިޔާ ބޭރުން ފޮނުވާލި ހިލޭޖެހުމަކުން ރާއްޖެ އަށް އެއްވަރުކޮށްދިނީ މަރިޔަމް ނޫރާ އެވެ. 

ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ޕާކިސްތާނުން އަލުން ލީޑުނެގީ ކެޕްޓަން، ޒަހްރާ ބޮހާރީ ވައްދާލި ލަނޑުންނެވެ. މި ގޯލާއެކު އެ ޓީމުން ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، ޕާކިސްތާންގެ ލީޑު ފުޅާކޮށްދިނީ އަންމޫލް ހީރާ އެވެ. މި ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ އިތުރު ފުރުޞަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު