ENGLISH
12 ޖެނުއަރީ 2026
ފަހުވަގުތު ޓީސީ ބަލިކޮށް، ނިއު އަލުން ތިންވަނަ އަށް
12 ޖެނުއަރީ 2026
|
ނިއުއާ ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: މިހާރު
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު، ޓީސީ ސްޕޯޓްސް ކްލަބު 2-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އަލުން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު، ނިއު ތިންވަނައިގައި އޮތީ 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ބުރު ސްޕޯޓްސް ކްލަބު އޮތީ 26 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ބޮޑުބައި ޓީސީން ނިއުގެ އެޓޭކުތައް ހުއްޓުވުމުގައި ކާމިޔާބު ހޯދިއިރު، ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގައި ނިއު އިން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ އެވެ.
އެގޮތުން، މެޗުގެ އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި ގޭރޯ ފުރަތަމަ ލަނޑުޖަހައިދިންއިރު، ނިއުގެ ދެވަނަ ލަނޑު އޭނާ ޖަހައިދިނީ އޭގެ ދެ މިނެޓުފަހުން އެ ޓީމުގެ ގޯމޭޒް ޑަ ސިލްވާ ނަގައިދިން ހުރަހެއްގެ އެހީގައެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ވަނީ 4-1 އިން ކްލަބް ވެލެންސިއާ ބަލިކޮށްފައެވެ. މެޗުގައި ބުރުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިިދިނީ ޑިއަވަންޑޫ ޑިއާނޭ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނާއިމް އާއި ޢަބްދުﷲ ޔާމީން (ޔާނު) އެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ހަސަން ނަވާޒް އެވެ.
ލީގުގައި ދެން ކުޅޭ މެޗުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބު ނިކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ނުވައެއް ޖަހާއިރު އެވެ.