ENGLISH

11 ޖެނުއަރީ 2026

Advertisement

ހަތަރު ގަނޑު ފާރު ދިނުމަކުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުވާނެ

10 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ހުސެއިން ޝަރީފް ވާހަކަފުޅު ދައްކަވަނީ//

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންނަށް ހަތަރު ގަނޑު ފާރު ދިނުމަކުން ނުފުދޭނެކަމަށް ވިދާޅުވެ، ކުރީ ސަރުކާރުން ގެންގުޅުނު ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.

"އެމްއެމްޓީވީ"ގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމަށް ދެކިގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ ހުޅުމާލެ ދެވަނަ ފިޔަވަހިން ރައްޔިތުންނަށް ދޫކޮށްފައިވަނީ ހަމައެކަނި ހަތަރު ގަނޑު ފާރު އެކަނިކަމަށެވެ. ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ކުޑަ މިންވަރެއްވެސް ފްލެޓުތަކުގެ ކައިރީގައި ގާއިމުކޮށްދީފައި ނުވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

""ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ހަތަރު ގަނޑު ފާރާއި އޭގެ މަތީގައި މި ޝީޓެއް އެޅިފައި އޮންނަ ދޭއް ނުވަތަ ތިން ކޮޓަރީގެ އެޕާޓުމަންޓެއް  ދިނުމަކުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެވުނީކީ ނޫނޭ އެ. ދުޅަހެޔޮ ސިއްޙަތަކަށް އޭނާގެ ވަށައިގެންވާ މާހައުލުގައި ގާއިމުކޮށްދެންޖެހޭ އެތައް ކަންތައްތަކެއް އެބަހުއްޓޭ."" - ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް

މާލެ ސަރަހައްދު ތަރައްގީކުރެވެމުންދަނީ ރައްޔިތުންގެ ފައިސާއިންކަމަށްވާއިރު ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަަސާސީ ހިދުމަތްތައް ގާއިމުކޮށް ނުދީ، މާލެ ސަރަހައްދުގެ އަގު ބޮޑެތި ބިންތައް އެމްޑީޕީ ސަރުކާރުގައި ބަހާލި ބަހާލުން މެމްބަރު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. 

މެމްބަރު އިތުރަށް ވިދާޅުވީ އަސާސީ ބޭނުންތައް ގާއިމުކޮށްނުދީ ހުޅުމާލެ އުތުރުން ދޫކޮށްފައިވާ ގޯތިތަކުގައި މީހުން ދިރިއުޅެން ފަށައިފިނަމަ ބޮޑެތި އިޖުތިމާޢީ މައްސަލަތަކެއް ކުރިމަތިވާނެކަމަށެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންނަށް ހަތަރު ގަނޑު ފާރު ދިނުމަކުން ނުފުދޭނެކަމަށް މެމްބަރު ހުސެއިން ޝަރީފް ވިދާޅުވިއިރު، ކުރީ ސަރުކާރުން ފަށައި މި ސަރުކާރުން ނިންމި އެފްޑީސީ ފުލެޓުތައް ހަވާލުކުރަނީ ތަންތަނުގެ ފިނިޝިން މަސައްކަތް ނިންމާފައެވެ. ކުރީ ސަރުކާރުގައި ހިޔާ ފުލެޓުތައް ހަވާލުކުރީ ފިނިޝިން މަސައްކަތް ނުނިންމައެވެ. ނަތީޖާއެއްގެ ގޮތުން ފުލެޓު ލިބުނު ގިނަ ބަޔަކު ތަންތަނުގައި ތަށިމުށި ޖަހައި، ފަންކާ ހަރުކޮށް ދޮރު ބަދަަލުކޮށް ތަންތަން ހެދުމަށް ލޯނު ނަގައިގެން އެތައް ލައްކަ ރުފިޔާއެއް ހަރަދުކުރަން ޖެހުނެވެ. 

އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކުރީ މި ސަރުކާރުންނެވެ.   

މީގެ އިތުރށް ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހި ހިމެނޭހެން ފްލެޓްތަކުގެ ކައިރީގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިސްކިތްތައް އެޅުމާއި ސްކޫލުތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން އާރްސީސީއާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލުގެ މަސައްކަތް އައު ދިރާސީ އަހަރަށް ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ރަމަޟާން މަހުގެ ކުރިން ބައެއް މިސްކިތްތަކުގެ މަސައްކަތް ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު