ENGLISH

09 ޖެނުއަރީ 2026

Advertisement

ރައީސް ގެންދަވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރައްވަމުން، ރައްޔިތުން އިތުބާރުކުރަނީ އެހެންވެ: އައިފާން

08 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް އައިފާން އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ

މާލޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިތުބާރުކުރަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާތީ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި އައިފާން ވިދާޅުވީ، މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ރައްޔިތުންނަށް މިހާރު ފެންނަ ކަމަށް އައިފާން ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އައިފާން ފާހަގަކުރެއްވީ، ހުޅުމާލެ، ގުޅީފަޅު އަދި ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދިއުމެވެ.

ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް މި މަޝްރޫއުތައް ފެނި، ރައްޔިތުންނަށް ޔަގީންވާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދެވުން ކަމަށް އައިފާން ވިދާޅުވިއެވެ. 

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން މިއަދު ގަބޫލުކުރަނީ، މީގެ ކުރިން ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ މިހާ ގާތުން މަސައްކަތް ކުރެއްވި ލީޑަރެއް ރާއްޖޭގައި ވެރިކަން ނުކުރާ ކަމަށް އައިފާން ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ތަފާތު ގޮތްގޮތަށް ގޯތީގެ ވާހަކަތައް ދިޔައީ ފަތުރަމުން. އެކަމަކު މިއަދު ރައްޔިތުންނަށް އެބަ އެގޭ މާލޭ ކައިރީ ހުޅުމާލޭއަށް ބަލައިލި ކަމުގައި ވިޔަސް، އަދި ގުޅި ފަޅަށް ބަލައިލިކަމުގައި ވިޔަސް އަދި ރަސްމާލެއަށް ބަލައިލި ކަމުގައި ވިޔަސް އެތަންތަނުގެ ބިން ހިއްކުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާކަން. ރައްޔިތުންނަށް އެބަ ފެނޭ. ފެނިގެންދާނެ. ރައްޔިތުންނަށް އެބަ ޔަގީންވޭ ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ ހައްގުގައި މި ވެފަ ހުރި ވައުދުތަކަކީ ރަނުން ރަނަށް. އަކުރުން އަކުރަށް ފުއްދާނެ ވައުދުކަން" އައިފާން ވިދާޅުވިއެވެ. 

މީގެ އިތުރުން ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ޝަކުވާތައް އަޑުއައްސަވާ ބައެއްކަންތައްތަކަށް ވަގުތުން ހައްލު ހޯދައިދނުމުގެ ސަބަބުން ރައްޔިތުން މިހާރު މި ސަރުކާރާ މެދު ކުރާ އިތުބާރު ބޮޑުވެއްޖެކަން އައިފާން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ " ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރުމަށް އިއުލާނުކޮށްފައިވާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ހާއްސަކޮށްފައިވަނީ މާލޭގެ ރައްޔިތުންނަށެވެ. ގޯތީގެ އިތުރުން މާލެ ސަރަޙައްދުން 7500 ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، 4000 ފްލެޓް ހާއްސަކުރަނީ މާލޭގެ ރަށްވެހިންނަށެވެ. މާލޭގައި ރަށްވެހިވެފައިނުވާ، މާލޭގައި ދިރިއުޅެމުންދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ 1500 ފްލެޓެވެ. ބާކީ 2000 ފްލެޓް ކަނޑައަޅާފައިވަނީ ދައުލަތުގެ މުއައްސަސާތަކަށާއި ފުލުހުންނާއި ސިފައިންގެ އިތުރުން ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު