ENGLISH

09 ޖެނުއަރީ 2026

Advertisement

ހެޔޮ ބަދަލެއް: ސަފާރީތައް ރަށްރަށާއި ދުރުކޮށް ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް

09 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މިރޭގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ސަފާރީތައް ނުބޭއްވޭ ގޮތަށް ހަދާ ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ސަފާރީތައް ބާއްވައިގެން ރަށްރަށަށް ބަނގުރާ ބާލާކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެކަމުގެ ސަަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަށްރަށުގައި ކުށުގެ ވެށި ބޮޑުވެ ފުޅާވަމުންދެ އެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ ފަތުރުވެރީންގެ ފަރާތުން ފެންނަ ނޭދެވޭ ބައެއް ކަންކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ސަފާރީތައް ބާއްވައިގެން އެ ރަށްރަށަށް ބަނގުރާ ބާލާ އެކަމުން ކުރިމަތިވާ ނޭދެވޭ މައްސަލަތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަ ޙައްލުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ބާއްވާ ސަފާރީތަކަށް ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ނޫނީ ނުބޭއްވޭ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެ އެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާ ގެސްޓްހައުސްތައް އިތުރުކުރުމަށް ފުރުސަތުތައް ފަހިކޮށް ދެއްވަމުން ގެންދަވާ ކަން ފާހަގަ ކުރެއްވި އެވެ.

ބަޔަކު ހިތްހަމަނުޖެހުނަސް ތަންފީޒު ކުރައްވާނެ

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ އިސްލާމް ދީނުުގެ ހަމަތަކުގެ މަތިން ހުރިހާ ކަމެއްވެސް މި ޤައުމުގައި ހިންގެވުމެވެ. ޚާއްސަކޮށް އެ ދީނަށް ނަސްރު ދިނުން ކަމުގައި ވިދާޅުވި އެވެ.

އެމަގުން ބައެއް ކަންކަން ބަދަލުކުރައްވާތީ ކޮންގްރެސްގެ ފިކުރާއި ތަފާތު ބައެއް މީހުން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ފާޑުކިޔާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުން ހުއްޓަވާ އެއީ ކުށެއް ކަމުގައި ކަނޑައަޅަން ކުރާ މަސައްކަތަށް އެފަދަ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އެ މައްސަލަތައް ހައްލުނުވެ އިތުރު މައްސަލަތައް ކުރިމަތިވާނެ އެވެ. އެގޮތަށްވާން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.

ހެޔޮ ވިސްނުމުގެ މީހުން ކައުންސިލަށް ހޮވައިދެއްވާ

މިރޭގެ ޖަލްސާގައި ރައީސް ވަނީ މުުހިންމު ސިޔާސަތުތަކެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެއްގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ގޮތް ނިންމުމުގައި ރައްޔިތުންގެ ދައުރު މުހިންމު ކަމުގައި ވިދާޅުވެފަ އެވެ.

ޚާއްސަކޮށް ދީނާ އިދިކޮޅު ހުންނަ ބަޔަކު ކައުންސިލްތަކަށް ނުހޮއްވެވުމަށް އެދިވަޑައިގަތެވެ. އެހެން ވެއްޖެނަމަ އެގޮތަށް ގެންނަ ހެޔޮ ބަދަލުތަކުގެ ނަތީޖާ ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް ބާއްވާން ޖެހޭނީ ރައްޔިތުންނަށް ހެވޭ ލާބަ ލިބޭ ކަންކަމުގައި އަދި ދީނުގެ ކަންކަން ކުރިއަރުވާ ނަސްރުދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ މުއައްސަސާތަކަށެވެ.

އެހެން ކަމުން ހެޔޮ ވިސްނުމުގެ މީހުން ކައުންސިލްތަކަށް ހޮއްވަވައިދެއްވުމަށް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު