ENGLISH
09 ޖެނުއަރީ 2026
ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރުމުގެ ތިން ވަނަ ބެޗުގައި ބައިވެރިވާން ހުޅުވާލައިފި
08 ޖެނުއަރީ 2026
|
އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސެޝަނެއް ކުރިއަށްގެންދަނީ. ފޮޓޯ: އިޖުތިމާއީ ވުޒާރާ
ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމްގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ފޯމު ފުރުމަށް ފަހު ހުށަހެޅުމަށް ވަނީ އެދިފައެވެ. ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.
ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖަނަވަރީ 12 ވަަނަ ދުވަހެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ވުޒާރާގެ ނަންބަރު 1433 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގައި ބާކީ ނުވާނޭހެން އެ ވުޒާރާއިން އަންނަނީ ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދެމުންނެވެ. ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ކުރިން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްތައް އެ ވުޒާރާއިން ކުރިއަށްގެންދެއެވެ.
މި މަސައްކަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 350 ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް، މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން، ޑިސެމްބަރު 3 ވަނަ ދުވަހު އާއްމުކުރެއްވި ޚިތާބުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ވުޒާރާއިން ވަނީ ސްޓެލްކޯ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައެވެ. އަދި، މިދިޔަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހަކަށް ވަޒީފާ ހަމަޖައްސައިދީ ލިޔުން ހަވާލުކޮށްފައިވެއެވެ. ސްޓެލްކޯ އާއި އާރުޑީސީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ފަހި ޕްރޮގްރާމް" ގެ ދަށުން ނޮވެމްބަރު 20 ވަނަ ދުވަހު 40 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ހަމަޖައްސައިދީފައެވެ.