ENGLISH

09 ޖެނުއަރީ 2026

Advertisement

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފި

07 ޖެނުއަރީ 2026

|

މަރިޔަމް ލީމް

ދިވެހި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހުޅުމާލޭގައި ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ދަށުން ހަތަރު ސްޕާ/ސެލޫން ބަލައި ފާސްކޮށް، އެއް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތް ކުރިޔަށް ގެންދިއުމަށް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

މިފަދަ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެ ވުޒާރާއިން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އަންނަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރިތައް ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރިކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެވުޒާރާއިން ބުންޏެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރުމަށް ވުޒާރާއިން އެދިފައިވެއެވެ.

ވުޒާރާއިން އިލްތިމާސްކޮށްފައި ވަނީ، ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި އާންމުންގެ ފާރަތުން ލިބެމުން ދިޔަ އެހީތެރިކަމަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރާކާތްތައް ހުއްޓުމަށާއި އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު