ENGLISH

09 ޖެނުއަރީ 2026

Advertisement

ރޯދަ ހަދިޔާ ޓާސްކްފޯހުން ފަހުގެ ތައްޔާރީތަކާ ބެހޭ ބައްދަލުވުމެއް ބާއްވައިފި

07 ޖެނުއަރީ 2026

|

މަރިޔަމް ލީމް

ރޯދަ ހަދިޔާ ޓާސްކްފޯހުން ފަހުގެ ތައްޔާރީތަކާއި ގުޅިގެން ބޭއްވި ބައްދަލުވުން: ފޮޓޯ/ސަރުކާރު

ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ރޯދަ ހަދިޔާގެ ކަންކަން ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ޓާސްކު ފޯހުން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.

ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ވަޒީރު އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުންނާއި ހިއްސާކުރައްވާފައެވެ. އަދި މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިނިންގ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ. މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.

ކިޔުންތެރިންގެ ހިޔާލު