ENGLISH

28 ޑިސެމްބަރު 2025

Advertisement

ހިޔާވަަހި ފައިނޭންސް؛ 821 މިލިއަން ރުފިޔާގެ ލުއި ލޯނު ގެދޮރުވެރިމަށް އެޕްރޫވުކޮށްފި

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ލުއި ގޮތެއްގައި ގެދޮރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފައިސާ ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށް ސަރުކާރުން ބީއެމްއެލްއާއި އެމްއައިބީއާ ގުޅިގެން ތައާރަފުކުރި "ހިޔާވަހި ފައިނޭންސް" ސްކީމުގެ ދަށުން 821 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކުރެވިފައިވާކަން އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ. 

އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާވަހި ފައިނޭންސްއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ހިޔާވަހި ފައިނޭންސްގެ ލޯނުތަކަކީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރަމުންދާ ލޯނުތަކެއް ކަމަށެވެ. 

ރައީސްގެ ރިޔާސީ ވައުދުފުޅަކީ ގެދޮރު ބިނާކުރުމަށް ނަގާ ލޯނުތަކުގެ ހަރަދު ކުޑަކޮށްދެއްވުން ކަމަަށާއި، އެގޮތުން ކުރިން %10 ގައި ނުވަތަ %12 ގައި ބޮޑެތި އަދަދުތަކުން އިކުއިޓީ ބަހައްޓައިގެން ނަގަމުން އައި ލޯނުތައް އެއަށްވުރެ ލުއި ގޮތްތަކެއްގައި ލިބޭނެ ގޮތް މިހާރު ހަމަޖައްސަަވައިދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހިޔާވަހި ފައިނޭންސްގެ ފައިދާގެ ރޭޓަކީ %5 އެވެ. އަދި އެއް މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް އިކުއިޓީއެއް ދައްކަންނުޖެހޭއިރު އެއަށްވުރެ ބޮޑެތި އަދަދުތަކުގެ ލޯނު ނެގުމަށް ދައްކަންޖެހޭ އިކުއިޓީ ބޭންކުގެ އާއްމު ލޯނުތަކުގައި ނަގާ އިކުއިޓީއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރުވަނީ ހިޔާވަހި ފައިނޭންސްގެ އެކި ކެޓިގަރީތަކުގެ ލޯނުތަކަށް ކުރިމަތިލާފައިވާ މީހުންގެ އަދަދުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން 2250 ފަރާތަކުން ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ނެގުމަށް އެދިފައިވެއެވެ. އެއީ؛ 

1- ރަށްވެހި (އެއް މިލިއަނާ ހަމައަށް): 1،329 ފަރާތް 

2- ސަަހަރު (ތިން މިލިއަނާ ހަމައަށް): 586 ފަރާތް 

3- ފަހިމާލެ (ހަ މިލިއަނާ ހަމައަށް): 341 ފަރާތް 

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ތެރެއިން 717 ފަރާތަކަށް ހިޔާވަހި ފައިނޭންސް ލޯނު ހަމަޖެހިފައިވެއެވެ. އެއީ ޖުމްލަ 821 މިލިއަން ރުފިޔާގެ ލޯނެވެ. ޑރ.މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން ހިޔާވަހި ފައިނޭންސްގެ ދަށުން އެއް ބިލއިަން ރުފިޔާގެ ލޯނު ދޫކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު