ENGLISH

28 ޑިސެމްބަރު 2025

Advertisement

އެފްޑީސީ ފުލެޓުތައް؛ 3879 ފަރާތަކާ އެއްބަސްވުން ހެދިއްޖެ، ޖަނަވަރީ މަހު ތަޅުދަނޑި ހަވާލުކޮށް ނިންމާނެ

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބައެއް ފުލެޓުތައް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 3،879 ފަރާތަކާއެކު ފުލެޓު ހަވާލުކުރުމުގެ އެއްބަސްވުން ގާއިމުކޮށް ސޮއިކުރެވިފައިވާއިރު އަންނަ ޖަނަވަރީ މަހުގައި އެ އެންމެނަށް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގައި ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ އެފްޑީސީ ފުލެޓުތައް ހަވާލުކުރުން ލަސްވީ އެ ފުލެޓުތަކުގެ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުން ހިމަނާފަައިނުވާތީ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން އަޅާފައިވަނީ ތިން ކޮޓަރީގެ 2،800 ފުލެޓާއި ދެ ކޮޓަރީގެ 1،200 ފުލެޓެވެ. އެ 4،000 ފުލެޓުގެ ހައްގުވެރިންގެ ތެރެއިން 399 މީހަކަށް މިހާތަނަށް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާކަމަށްވެސް ޑރ.މުއްތަލިބު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ މަޝްރޫއުން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތެވެ. ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން ބާކީ ހުރި 68 އިންސައްތަ މަސައްކަތް ނިންމުމާއެކު، އެތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައި، ލޭންޑްސްކޭޕިން މަސައްކަތްތައް ނިންމާފައިވަނީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

މިއީ ހައުސިން މަޝްރޫއުތައް ހިންގަން ފެށިފަހުން ކުރީ ސަރުކާރަކުން އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓު ނެރެފައި އޮއްވައި އެ ލިސްޓަށް ބަދަލެއް ނުގެނެސް، އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި މީހުންނަށް ފުލެޓު ހަވާލުކުރެވުނު ފުރަތަމަ ފަހަރެވެ. 

މީގެ ކުރިން މިފަދަ މަޝްރޫއުތަކުގައި ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓު ކުރީގެ ސަރުކާރުން އެކުލަވައިލާ ނެރެފައި އޮތް ނަމަވެސް  ފަހުން އަންނަ ސަރުކާރުން އެ ލިސްޓަށް ބޮޑެތި ބަދަލުތައް ގެނެއެވެ. އެގޮތުން ހިޔާ މަޝްރޫއުގެ 7،000 ފުލެޓުގެ ހައްގުވެރިންގެ ގޮތުގައި ފުރަތަމަ ނެރުނު ލިސްޓުގައި ހިމެނުނު ގިނަ އަދަދެއްގެ ބަޔަކު ފަހުން އެ ލިސްޓުން އުނިކުރިއެވެ. 

މިގޮތަށް ފުލެޓު ހައްގުވެރިންގެ ލިސްޓުން އުނިކުރުމުގެ ސަބަބުން ފުލެޓު ނުލިބުނު ފަރާތްތަކަށް މި ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލެޓު ދިނުމަށް ހާއްސަ ކެޓަގަރީއެއްވަނީ ކަނޑައަޅާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ. 

ކިޔުންތެރިންގެ ހިޔާލު