ENGLISH
28 ޑިސެމްބަރު 2025
ޕީއެންސީ ކައުންސިލް ޕްރައިމަރީ: 11،300 މީހުން ވޯޓްލި، މިއީ ރެކޯޑެއް
27 ޑިސެމްބަރު 2025
|
މިއަދު އޮތް ޕްރައިމަރީގައި މީހަކު ވޯޓް ލަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް 45 ސަރަހައްދެއްގައި އެއްފަހަރާ ވޯޓުލުން ކުރިއަށް ދިޔައެވެ.
ޖުމްލަކޮށް ހުރިހާ ސަރަހައްދެެއްގައި ވޯޓްލުން ކުރިއަށް ދިޔައީ އޮމާންކޮށެވެ. ކޮންގްރެެސް ޕާޓީން ބުނީ މިއަދުގެ ޕްރައިމަރީގައި 11،300 ވުރެ ގިނަ މެންބަރުން ވޯޓްލީ ކަމަށެވެ. ޕްރައިމަރީ އޮތް ދާއިރާތަކުގައި 21،000 ވުރެ ގިނަ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު އޮތެވެ.
އެހެން ކަމުން ދެބައިކުޅަ އެއްބައި މީހުންނަށް ވުރެ ގިނަ މީހުން ވަނީ މި އިންތިހާބުގައި ވޯޓްލާފަ އެވެ. މިއީ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގައި މިހާ ގިނައިން ވޯޓްލީ އިންތިހާބެވެ.
މިއަދު އިންތިހާބުގައި މާލޭގައި އަތޮޅުތެރޭގެ ރަށްރަށް ޚާއްސަކޮށް ވޯޓްފޮށި ނުވެސް ބަހައްޓަ އެވެ. ނަމަވެސް އެހާ ގިނަ އަދަދަކަށް ވޯޓްލާފައިވުމުން ޕްރައިމަރީއަށް މެންބަރުން އޮތް ޝައުގުވެރިކަން ހާމަވާ ކަމަަށް ކޮންގްރެސް ޕާޓީން ބުންޏެވެ.
އެ ޕާޓީގެ އަމާޒަކީ މާދަމާގެ ނިޔަލަށް ނަތީޖާ އިއުލާނުކޮށް މުޅީން ނިންމުމެވެ.
ކޮންގްރެސް ޕާޓީގެ މި ޕްރައިމަރީ ގައި ރާއްޖޭގެ ހުރިހާ ޕާޓީތަކުން އަމަލުކުރަމުން އަންނަ އުސޫލާ ހިލާފަަށް ވޯޓު ލެވޭ މީހުން ކަނޑައެޅުމުގައި ބަރޯސާވެފައިވަނީ އިލެކްޝަންސް ކޮމިޝަަނުގައި އޮތް އެ ޕާޓީގެ ދަފުތަރަށެވެ.
އެހެން ކަމުން ވޯޓް ގަޑުބަޑު ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ. އަދި ކެންޑިޑޭޓުންނާއި އާންމު މެންބަރުންނަަށް ފުރިހަމަ އިތުބާރު އޮތެވެ.
ކޮންގްރެސް އިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވައިލާ، ވެބްސައިޓުގައި އާއްމުކޮށް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، އެ ހުށަހެޅުނު ޝަކުވާތަކަށްވެސް ރިއާޔަތްކުރެވިގެން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އެކުލަވައިލާފަ އެވެ.
އަދި މިފަހަރުގެ އިންތިހާބުގައި ދެ ތަނެއްގައި ނޫނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވީ އެ ސަރަހައްދެއްގެ ބޭފުޅުންނެވެ. އެއީ ރަށްރަށާއި ސިޓީތަކުގެ ސްޓިއަރިން ކޮމިޓީތަކުގައި މަޝްވަރާކުރެވިގެން އައްޔަންކުރެވުނު އޮފިޝަލުންނެވެ.
އެހެން ކަމުން މި ޕްރައިމަރީ ފާހަގަވީ އިންތިޒާމު ރަނގަޅު ފުރިހަމަ އިންތިހާބެއްގެ ގޮތުގަ އެވެ.