ENGLISH

23 ޑިސެމްބަރު 2025

Advertisement

ސުތުރާގެ ނަމުގައި މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް ނަގައިދޭން އެދޭނަން: މިނިސްޓަރު

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު

ސުތުރާގެ ނަމުގައި މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް ނަގައިދޭން މާލެ ސިޓީ ކަައުންސިލްގައި އެދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށާ މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެ ކަމަށެވެ.

މިއީ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއްނޫން ކަމަށާ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ.

މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެކަން ފާހަަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަަމަށެވެ.

"މިގޮތުން ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެނޭ," މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލާގައި ފަތުވާވެސް ވަނީ ނެރެފައި

މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ފަތުވާ ނެރެފަ އެވެ.

ސުތުރާ ބަހައްޓާ މައްސަލާގައި ނެރުނު ފަތުވާގައި ބުނެފައި ވަނީ ސުތުރާ ބޭނުންކުރުމުގެ މައްސަލާގައި ފިގުހުގެ ގިނަ އިލްމުވެރީންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުންނަތެއް ކަމަށެވެ. ނަމަވެސް ފަހުގެ ބައެއް އިލްމުވެރީން ސުތުރާ ވާޖިބު ކަމަށްވެސް ވިދާޅުވާ ކަމަށެވެ. މި ގޮތަށް ވިދާޅުވާ އިލްމުވެރީންގެ ތެރޭގައި އައްޝައިހް މުހައްމަދު ނާސިރުއްދީން އަލްބާނީ އާއި އައްޝައިހް މުޤުބިލް ބުނު ހާދީ އަލްވާދިޢީ އަދި އަައްޝައިހް އަބްދުއްރައްޒާޤް އަފީފީ ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގިނަ އިލްމުވެރީން ވިދާޅުވަނީ އެއީ ސުންނަތެއް ކަމުގައި ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.

ސަލާމާއި ސަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައިވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައިނުވާ ކަމަށް ބަޔާންކޮށް އެކަމުގެ ދަލީލު ގެނެސްފައިވެ އެވެ.

ނަމަވެސް މިސްކިތުން ބޭރުގައި ނަމާދުކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށާ ސުތުރާގެ ގޮތުގައި ބަހައްޓަވާފައިވަނީ އެހެން ކަންކަމަށް ބޭނުންކުރައްވާ ތަކެތި ކަމަށާ ވަކި އެއްޗެއް ހައްދަވައިގެން ބޭނުމެއް ނުކުރައްވާ ކަމަށެވެ. އެގޮތުން ބޭނުން ކުރައްވާފައި ވަނީ ފާރު, އަސާ, މީހުން, ތަންމަތި, އެނދު, ދުނި ނުވަތަ ތީރު, ސަވާރީ, އަސްދާނުގޮނޑި އަދި ގަސްފަދަ ތަކެތި ކަމަށް ފާހަަގަކޮށްފައިވެ އެވެ.

މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައެއް ކަމުން މި މައްސަލަ އަކީވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

އިލްމުވެރީންގެ ތެރެއިން އެއް ބަޔަކު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ ނަމަވެސް އިލްމުވެރީންގެ ތެރެއިން އަނެއް ބަޔަކު އެކަން މަނާކުރާ ކަމަށެވެ.

ރަސޫލާގެ ޒަމާނުގައި ސުތުރާއަށް ބޭނުން ޖެހިފައިވާ ހާލުގައިވެސް އަދި މިސްކިތުތެރެއަށް އެފަދަ ތަކެތި ވެއްދުމުގެ އޮތްއިރުވެސް މިސްކިތުގެ ތެރެއަށް ސުތުރާގެ ގޮތުގައި ވަކި ހާއްސަ އެއްޗެހިތަކެއް ހަދައިގެން ވައްދާފައިނުވާކަން އެނގޭ ކަމަށް ފަތުވާގައިވެ އެވެ. އަދި އެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާގައިނުވާ ކަން ވެސް ދޭހަވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާ ގޮތުގެ ބޭނުންކޮށްފައި ވަނީ އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމުން ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މި ދުވަސްވަރު ވެސް އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު