ENGLISH

18 ޖެނުއަރީ 2026

Advertisement

"އެފްއޭއެމް ވިމެންސް ލީގު 2025" ގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދައިފި

23 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "އެފްއޭއެމް ވިމެންސް ލީގު 2025" ގެ ލީގު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

ލީގުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވީ 2-0 އިންނެވެ.

މި ނަތީޖާއާއެކު ލީގުގެ ޗެމްޕިއަންކަން މާޒިޔާއަށް ލިބުނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ލިބުނީ 10 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ހަތަރުވަނައިގައި އޮތް ނިއު ރޭޑިއަންޑް ސްޕޯޓްސް ކްލަބަށް ލިބުނީ އަށް ޕޮއިންޓެވެ. ވިކްޓަރީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާ އިން ލީޑުނެގީ ބިދޭސީ ކުޅުންތެރިޔާ، ރޭކާ ޕައުޑެލް އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ރޭކާ މި ލަނޑުޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ދީޕާ ޝާހީ ދިން ބޯޅައެއްގެ އެހީގައެވެ.

ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރާއިފް ޔޫސުފް

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ ލީޑު ފުޅާކޮށްދޭން ރޭކާ އަށް ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން ރޭކާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގައި މާޒިޔާ އިން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދީޕާ އެވެ.

މި މެޗަށްފަހު ޝަރަފުވެރި މެހެމާން، ނައިބު ރައީސް ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ އިތުރުން މާޒިޔާއާ އޮޑި ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި އެފްއޭއެމް ވިމެންސް ލީގުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާގެ ކުޅުންތެރިންނަށް މެޑަލް ދެއްވާ، އެ ޓީމާ ޝީލްޑް ހަވާލުކޮށްދެއްވާފައެވެ.

އެގާރައަހަރަށްފަހު ކްލަބުތަކުގެ މެދުގައި އެފްއޭއެމުން އަންހެން ކުޅުންތެރިންގެ މެދުގައި ބޭއްވި މި ފަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވާދަކުރިއެވެ. އެއީ ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އޮޑި ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ. 

މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތައް:

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ: ރުސްތުލައޭވާ ލޭލާ (ވިކްޓްރީ ސްޕޯޓްސް ކްލަބް) 9 ގޯލު

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: އައިޝަތު ޝަހާ ޝަރީފް (ވިކްޓްރީ ސްޕޯޓްސް ކްލަބް)

މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާ: ފާތިމަތު ސާލިޔާ (އޮޑި ސްޕޯޓްސް ކްލަބް)

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ރޭކާ ޕައުޑެލް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)

ފެއަރޕްލޭ ޓީމް: ބިސް ބުރު ސްޕޯޓްސް ކްލަބް

މުބާރާތުގެ ޑްރީމް ޓީމް:

ރުސްތުލައޭވާ ލޭލާ (ވިކްޓްރީ ސްޕޯޓްސް ކްލަބް)، ޝަހުފާ ޝިއުތު (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، ފާތިމަތު ސާލިޔާ (އޮޑި ސްޕޯޓްސް ކްލަބް)، ސަފީނާ ރުޝާނިޔާ (ވިކްޓްރީ ސްޕޯޓްސް ކްލަބް)، ދީޕާ ޝާހީ (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، ނަތާސިއާ ރަމަދާނީ (އޮޑި ސްޕޯޓްސް ކްލަބް)، މައީޝާ ޢަބްދުލްހަންނާން (ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް)، އައިޝަތު ލީޒާ (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، އިންޝާ އާދަމް (އޮޑި ސްޕޯޓްސް ކްލަބް)، ރޭކާ ޕައުޑެލް (މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން)، ފިރުޝާނާ ނަސީރު (އޮޑި ސްޕޯޓްސް ކްލަބް).

ކިޔުންތެރިންގެ ހިޔާލު