ENGLISH
21 ޑިސެމްބަރު 2025
މި މަހު 18 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން މަސްވެރިންނަށް 4.2 މިލިއަން ރުފިޔާ ދޫކޮށްފި
21 ޑިސެމްބަރު 2025
|
މިފްކޯއަށް މަސްކިރުވުން-- ފޮޓޯ: ޕީއެސްއެމް
މި މަހު 18 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން 4.2 މިލިއަންއަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 88 އުޅަނދަކަށް 4,274,695.64 ރުފިޔާ ވަނީ އިއްޔެ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 18 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ. ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާ ދައްކައިފަ އެވެ.
ބެކްލޮގް ހުސްކުރުމަށް ފަހު މަސްވެރިންނަށް ގަވައިދުން ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ގަވާއިދުން މަސްވެރިންނަށް ފައިސާ ދިނުމުގެ ނަތިޖާއެއްގެ ގޮތުން، މިދިޔަ އަހަރަށްވުރެ މިއަހަރު މިފްކޯއަށް މަސްކިރުވި މިންވަރު އިތުރުވެ، މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެެވެ.
މަސްވެރިންނަށް ފައިސާ ގަވާއިދުން ދޫކުރުމުގެ އިތުރުން އެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ ވަނީ އަގުހެޔޮކޮށްފަ އެވެ.