ENGLISH
21 ޑިސެމްބަރު 2025
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ހުއްޓުމެއްނެތި ކުރިއަށް؛ މިހާރު މަސައްކަތުގެ 63.5 އިންސައްތަ ނިންމައިފި
21 ޑިސެމްބަރު 2025
|
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، އެ މަސައްކަތުގެ 63.5 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.
ހުއްޓިފައި އޮތުމަށްފަހު ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އިތުރު ޑްރެޖަރެއް ގެނެސްގެން ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކޮށްފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްކުރަމުންދަނީ 'ޕްރިންސް ޑަރ ނެދަލޭންޑަން' އަދި 'އޮރަންޖް' ނަމަކަށް ކިޔާ ދެ ޑްރެޖަރުގެ އެހީގައެވެ. މި ދެ ޑްރެޖަރުގެ ވެސް ކެޕޭސިޓީއަކީ 22,000 ސީބީއެމްއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ދަނީ، އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. މި މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.