ENGLISH
21 ޑިސެމްބަރު 2025
ވޮލީ އަންހެން ޓީމަށް ކާމިޔާބު ފެށުމެއް، ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށްފި
21 ޑިސެމްބަރު 2025
|
ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ކާވާ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ބަންގްލަދޭޝް އަތުން މޮޅުވެއްޖެއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ކުރީން ވަނީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް އެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފާއި، ކާވާގެ ގައުމުތަކުގެ ވޮލީ އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާ މުހާތަބު ކުރެއްވުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވަނީ މުބާރާތުގެ ޓްރޮފީ އިފުތިތާހުކޮށްދެއްވާފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ރާއްޖޭން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކާވާ
މި މެޗުގެ ސެޓުތައް ރާއްޖޭން ކާމިޔާބުކުރީ 25-18، 25-12، އަދި 16-25 އިންނެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން ކިރްގިސްތާން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ކާމިޔާބުކުރީ 25-15، 25-24، އަދި 25-11 އިންނެވެ.
މުޅިއެކު ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 20 އިން 25 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ، އަފްޣާނިސްތާން އާއި ކިރްގިސްތާނެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ކާވާ
މި މުބާރާތް ރޭވިފައިވާ ގޮތުން، ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ ބުރަށްފަހު ދެން ކުޅޭނީ ސެމީ ފައިނަލް އެވެ. އެގޮތުން، ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އަނެއް ސެމީގައި ދެވަނަ ނިކުންނާނީ ތިންވަނައާ ދެކޮޅަށެވެ.
އެއަށްފަހު، މި މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ބްރޯންޒް މެޑަލް މެޗުގައެވެ. މި ދެ މެޗާއެކު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި މިރޭ ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 20:40 ގައެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ކިރްގިސްތާނާ އެވެ.