ENGLISH

21 ޑިސެމްބަރު 2025

Advertisement

ހޯޕް އައިލެންޑުގެ ޢަމަލީ މަސައްކަތް ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެ: ވަޒީރު

21 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން ވާހަކަދައްކަވަނީ. ފޮޓޯ: ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" ގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހޯޕް އައިލެންޑާ ގުޅޭގޮތުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް ޑިސެމްބަރު 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒިރު ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"އެ ބޭފުޅުން ނެގޯޝިއޭޓް އެ ކުރައްވަނީ ކްރޮސް ސަބްސިޑައިޒް ކުރާނެ ފަޅުތަކާއި ނުވަތަ ރަށަކާ ގުޅޭގޮތުން. އެ މަސައްކަތް އަޅުގަނޑު ގަބޫލުކުރަނީ މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް. ހޯޕް އައިލެންޑުގެ އަމަލީ މަސައްކަތް މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިބަލަނީ. ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް" - ވަޒީރު ޢަލީ އިޙްސާން

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ހޯޕް އައިލެންޑުގައި 700 ޖާގަ ހިމެނޭނެއެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. 

މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުނަށް ޚާއްސަ ސަރަޙައްދަކާއި އެތަނަށް ގެންނަށްކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީ ކުރާނެއެވެ. 

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައް ވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު