ENGLISH
21 ޑިސެމްބަރު 2025
ހިޔާ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ މަޢާފްކޮށްދީފި
21 ޑިސެމްބަރު 2025
|
ހުޅުމާލެ ފޭސް ދޭއް ގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓް--ފޮޓޯ: ޕީއެސްއެމެ
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ސަރުކާރުން މަޢާފްކޮށްދެއްވައިފި ކަމަށް އެޗްޑީސީން ބުނެފި އެވެ.
މަޢާފްކޮށްފައިވަނީ އެންމެ ފަހުން ހިޔާ ފްލެޓްތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ހޯދައްވައިދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަޢާފްކޮށްފައި މިވަނީ ޖަނަވަރީ 1، 2024 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
މި މުއްދަތުގެ ތެރޭގައި 1.9 މިލިއަނެއްހާ ރުފިޔާ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. 2023 ވަނަ އަހަރު ހިޔާ ފްލެޓްގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމަނާ ވެސް ސަރުކާރުން ވަނީ މަޢާފުކޮށްދީފަ އެވެ.
ހިޔާ ފްލެޓްގެ 2 ކޮޓަރީގެ އެޕާޓްމެންޓްގެ މަހު ކުއްޔަކީ 3984 ރުފިޔާ އެވެ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއެކު މަހަކު 4984 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހެ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން އަންނަނީ އެންމެ 3000 އެއްހާ ޔުނިޓުގެ މީހުން ކަމަށެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށްވެސް ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ހަރަދުވި ފައިސާއިން ދެ ލައްކަ ރުފިޔާ މަޢާފުކުރުމަށް އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް، އެކަން ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރަށް ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފައިސާ ދެއްކުމުގައި ފަސޭހަގޮތްތަކެއް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.