ENGLISH

18 ޖެނުއަރީ 2026

Advertisement

ޓީސީން މާޒިޔާ ހުއްޓުވައިފި، ގްރީން ސްޓްރީޓްސް އަށް މުހިއްމު މޮޅެއް

19 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ޓީސީ ކުޅުނު މެޗެއްގެ ތެރެއިން.

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި އުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދަމަހައްޓަމުންއައި ސައްތަ އިން ސައްތައިގެ ރެކޯޑް ޓީސީ ސްޕޯޓްސް ކްލަބުން ހުއްޓުވިއިރު، ކްލަބް ގްރީން ސްޓްރީޓްސް އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މި ފަހަރުގެ ސީޒަނުގައި މާޒިޔާ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވަނިކޮށް، ޓީސީން ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުގައި 1-1 އިން އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ މާޒިޔާ އެވެ. އެ ޓީމު އެއްވަނައިގައި އުޅެނީ 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ އޮޑި ސްޕޯޓްސް ކްލަބަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 25 ޕޮއިންޓެވެ. އޮޑި އަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން މާޒިޔާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ތިންވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ 10 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ.

މި މެޗުގައި، މާޒިޔާ އިން ޓީމު ލިސްޓު ހުށަހެޅި ފަހުން ވަނީ ދެ ބަދަލެއް ގެންނަންޖެހިފައެވެ. އެގޮތުން، އާއިލީ ޒިންމާގެ ސަބަބުން އެ ޓީމުގެ އަހުމަދު އައިހަމްގެ ބަދަލުގައި ހަސަން ޝިފާޒް ފުރަތަމަ އެގާރައިގައި ހިމަނަންޖެހުނުއިރު، އެ ޓީމުގެ ބިދޭސީ ފޯވާޑް، ސާޖިއޯ މެންޑީ އަށް އަނިޔާވުމާ ގުޅިގެން އޭނާގެ ބަދަލުގައި މުޙައްމަދު އިލާން އިމްރާނަށް ވަނީ ފުރުސަތު ދޭން ޖެހިފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، މި ހާފު ނިމެންދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ އިތުބާރު މިޑްފީލްޑަރު، އިބްރާހިމް އައިސަމް އަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ބާކީބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

މާޒިޔާގެ އިތުރުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އައިސަމް އަށް މެޗުގައި ރަތް ކާޑު ދެއްކީ ޓީސީގެ ހުސައިން ޝަރީފް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ މާޒިޔާ އިން ދެވަނަ ހާފު ފެށިގެން ވެސް އެޓޭކަށް އިސްކަންދީގެން ކުޅެފައިވާއިރު، ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި މާޒިޔާ އަށް މި ލަނޑުޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. މިއީ ޕެނަލް ޓީއޭރިޔާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ހުސްކޮށްލާފަ ދިން ބޯޅައެއްގެ އެހީގައި ދާދު ކާމިޔާބުކުރި ގޯލެކެވެ.  

މި ނަތީޖާގައި އޮވެ، މާޒިޔާ މޮޅުވާން ދަނިކޮށް ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީން އެއްވަރުކުރީ އަހުމަދު މާއިޝް ރަޝީދު އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ ނައިޖީރިއާ ފޯވާޑް، އިބްރާހިމް ޖިމޯ ފޮނުވާލި ބޯޅައެއް މާޒިޔާގެ ގޯލްކީޕަރު، ހުސައިން ޝަރީފް އަތުގައި ޖެހިފަ ނުކުތް ވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ ޓީސީގެ މާއިޝް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ކުޅުނު އަނެއް މެޗުގައި ކްލަބް ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުރީކޮޅު ގްރީން ސްޓްރީޓްސް އަށް ކާމިޔާބުކޮށްދިނީ މިސްރުގެ ޑިފެންޑަރު، އެލް ސައީދު އަބްދުލްފައްތާހު އެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ގްރީންގެ ދެވަނަ މޮޅެވެ. އެ ޓީމުން ފުރަތަމަ ބުރުގައި މޮޅުވީ ކްލަބް އީގަލްސް އަތުން އެކަންޏެވެ. މި މޮޅާއެކު ގްރީން ސްޓްރީޓްސް ވަނީ ލީގުގެ ހަތްވަނަ އަށް ޖެހިލައިފައެވެ. ގްރީން ސްޓްރީޓްސް އަށް 11 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. މި މެޗުން ބަލިވުމާއެކު ވެލެންސިއާ ވަނީ ތާވަލްގެ ނުވަވަނަ އަށް ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު