ENGLISH
17 ޑިސެމްބަރު 2025
ކޮންގްރެސްގެ ޓިކެޓް ހޯދަން ބޮޑު ތަރުޙީބެެއް، 94 ޕަސެންޓް ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަތިލި
17 ޑިސެމްބަރު 2025
|
ރައީސް ކޮންގްރެސް ޕާޓީގެ ބޮޑު ޖަލްސާގައި --
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީގެ ޓިކެޓް ހޯދުމަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމް ހުށައަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު ހަމަވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ މިއީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ފަހަރު ކަމަށެވެ.
އެގޮތުން ކައުންސިލް އިންތިޚާބުގައި، އިންތިޚާބު ކުުރުމަށް ހަމަޖެހިފައިވާ ގޮނޑީގެ 94 އިންސައްތައަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް ފަލާޙު ވިދާޅުވި އެވެ. މި ނަންބަރުން ބަލާއިރު ކޮންގްރެސް ޕާޓީ ވާނީ ކައުންސިލް އިންތިޚާބަކަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރޭ ޕާޓީއަށް ކަމަށް ފަލާޙު ވިދާޅުވި އެވެ.
"މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރަން ޝައުޤުވެރިކަން ފާޅުކުރުމަކީ މި ޕާޓީއަށް އޮތް ތާއީދާއި ލޯބި ފެނިގެންދާ ކަމެއް،" ފަލާޙު ވިދާޅުވި އެވެ.
ފަލާޙު ވިދާޅުވި ގޮތުގައި ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅި ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމެޓީން ދަނީ ބަލަމުންނެވެ. އަދި ޝަރުތުހަމަވާ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވާނެ ދާއިރާތައް އެ ކޮމެޓީން ކަނޑައަޅާ އިއުލާނު ކުރާނެ ކަމަށެވެ.
ޕްރައިމަރީ އޮންނާނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ޕްރައިމަރީގެ އުސޫލުތައް މިރޭ އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަލާޙު ވަނީ މިއީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިޚާބުކަން ފާހަގަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު އޮންނާނެ ކަަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ޕްރައިމަރީ ވަަރަށް މިނިވަން ކަމާ އިންސާފުވެރިކަމާއެެކު ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.