ENGLISH
17 ޑިސެމްބަރު 2025
ދިއްދޫއަށް އުފާވެރިކަން؛ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު ގެނެސް ބިން ހިއްކަން ފަށަނީ
17 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.ދިއްދޫ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ރަށުގެ އެއާޕޯޓު މަސައްކަތްކުރުމަށާއި، އިތުރު ކަންކަމަަށް ބޭނުންކުރަން ރަށަށް އިތުރުކުރާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު ގެނައުމަށް ހަމަޖެހިއްޖެއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިނގަމުންދާ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް މި ޑްރެޖަރު އަންނާނެއެވެ. އަދި އެ ޑްރެޖަރު ގެނެވުމާއެކު ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމަށް 111 ހެކްޓަރުގެ ބިމެއް އިތުރުކުރާނެއެވެ. ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ އިތުރުކުރެވޭ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށްވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކަށް މަގުފަހިކުރުމަށް ބޭނުންކުރެވޭނެ ބިމެއް ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި އެއާޕޯޓަކީ ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ އެއާޕޯޓެކެވެ. އެގޮތުން އެއާޕޯޓާއެކު ދިއްދޫގައި ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.
އަަދި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އައު ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމުގައިވެސް މެންބަރު ދެކެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު ތަރަައްގީކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ވަރަށް ގިނަ ރަށްރަށަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރެވެމުންނެވެ.