ENGLISH
06 ޑިސެމްބަރު 2025
ރައީސްގެ ބައްދަލުވުންތަކުގައި ރައްޔިތުން އިއްވާ އުދާސްތައް؛ ކުރީގެ ވެރިން ފެއިލްވެފައިވާ ކަމުގެ ހެކި
06 ޑިސެމްބަރު 2025
|
ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާ ގޮތެއްގަައި ކުރިއަށްގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް ސީދާ އެމަނިކުފާނާ ހިއްސާކުރަން ފުރުސަތު ދެއްވައެވެ. އެ ފުރުސަތަކީ ދުވަހަކުވެސް ދިވެހި ރައްޔިތުންނަށް ލިބުނު ފުރުސަތެއް ނޫނެވެ. ކެމްޕެއިނެއްގައި ވެރިން ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވަގުތެއްގައި ނޫނީ ރައްޔިތުންގެ އުދާސް އެއިން ބޭފުޅަކާ ހިއްސާކޮށްލާން ފުރުސަތެއް ދިވެއްސަކަށް ލިބިފައި ނެތެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒު ގެންދަވަނީ އެއްތަނަކަށް އެއްވެ، މުޅި ގައުމަށް އަޑުއިވޭނެހެން އެމަނިކުފާނާ އެކަންކަން ހިއްސާކުރަން ރައްޔިތުންނަށް ފުރުސަތު ދެއްވަމުންނެވެ.
މިހާތަނަށް ވިލިމާލެއާއި މައްޗަންގޮޅިއާއި މާފަންނުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވާއިރު، ކޮންމެ ބައްދަލުވުމެއްގައިވެސް ގަޑިއިރު ދޮޅުގަޑިއިރު ހޭދަކުރައްވަނީ ރައްޔިތުންގެ ޝަކުވާތަކައި އުދާސްތައް އަޑުއެއްސެވުމުގައެވެ. ބައެއް ރައްޔިތުން ވަރަށް ދިގުކޮށް، އެހާމެ ތަފުސީލުކޮށް އެމީހުން ތަހައްމަލުކުރަމުންދާ ދަތިތައް ކިޔައިދެއެވެ. ގެދޮރުގެ ދަތިކަމާއި ކުރިމަތިވެފައިވާ އެކި އަނިޔާތަކުގެ ތަފުސީލެވެ. މިކަންކަމަކީ ރައީސްގެ ވެރިކަމުގައި ފާއިތުވި ދެ އަހަރެއްހައި ދުވަހު ކުރިމަތިވި ކަންކަމެއް ނޫނެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އުފަންވި ކަންކަމެއްވެސް ނޫނެވެ.
މިސާލަކަށް އެންމެ ފަހުން އެމަނިކުފާނު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި އަންހެނަކު އޭނާގެ ފިރިމީހާއަށް ދައުލަތުން ދެމުންދާކަމަށް ތުހުމަތުކުރި އަނިޔާއަކީ ރައީސްގެ ޒައާމަތުގައި ކުރިމަތިވި ކަމެއް ނޫނެވެ. ޖަލު ހުކުމެއް އިއްވާފައި ހުރި އެމީހާ އެކަހެރިކޮށްގެން ހަތަރު ވަރަކަށް އަހަރު ގެންގުޅުނު ގެންގުޅުން ނިމުމަކަށް ގެނައީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުންނެވެ. އެކަން އެ އަންހެންމީހާ މީސްމީޑިޔާ މަންސަތަކުގައި ފާހަގަކޮށްފައިވެއެވެ.
މާލޭގެ މަގުތަކުގައި ހުރި ދަތިތަކާއި ގެދޮރު ހޯދަން އުޅެ ނުލިބުމާއި، ލިސްޓުތަކުގައި ހިމެނުމަށްފަހު އުނިވެގެންދިއުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިނުވުމާއި، ލިބޭ އާމްދަނީން ދެކޮޅުނުޖެހުމާއި، ބޭސްފަރުވާ ހޯދުމުގައި ތުރާތައް ތަހައްމަލުކުރަންޖެހުމާއި، އެނޫންވެސް އެކި މައްސަލަތައްް މި ބައްދަލުވުންތަކުގައި މީހުން ފާހަގަކުރެއެވެ. މިއިން ކޮންމެ މައްސަލަައެއްގެ ފެށުން އޮތީ އެތައް ޒަމާނެއް ކުރީގައެވެ.
ބައެއް އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ބޭނުންވަނީ ރައްޔިތުންގެ މި ޝަކުވާތަކާއި އުދާސްތަކަކީ ރައީސަށް އެއްޗެހިކިޔުން ކަމުގައި ސިފަކުރާށެވެ. "ރަތް މަހަށް ނުގޮވާ ވަރަށް" ރައީސަށް އެއްޗެހި ކިޔައިފި ކަމުގައި ބުނެ މަލާމާތުގެ ބަސްތައް އެމަނިކުފާނާއި ސަރުކާރަށް ރައްދުކުރާއިރު ކަމުގެ ހަގީގަތް އެ ބޭފުޅުންނަށް ރަނގަޅަށް ފަހުމުނުވެއެވެ.
ރައްޔިތުން އެއްޗެހި ގޮވަނީއެއް ނޫނެވެ. އެތައް ޒަމާނެއް ވަންދެން އެ ރައްޔިތުންގެ ހިތްތަކުގައި ހިނގަމުންއައި ޝުއޫރުތައް ބޭރުކޮށްލަނީއެވެ. ކުރިން އޮންނަ ގޮތަކީ އެ ހިތްދަތި އިހުސާސްތަަކާއެކު، އެކަންކަމުން ލިބޭ ނަފުސާނީ އަނިޔާގައި ނިންޖާއި އަރާމުން މަހުރޫމުވެގެން އެ ކެކުޅުން ތަހައްމަލުކުރަމުންދިއުމެވެ. މިހާރު ގައުމުގެ އެންމެ އިސްވެރިޔާއާ އެކަންކަން ހިއްސާކޮށް، އެކަންކަމަށް ތަސައްލީ ހޯދަން އުޅޭނެ ފުރުސަތު ލިބެނީއެވެ.
ވުޒާރާއަކުން ސިޓީއަކަށް ޖަވާބު ނުލިބި އޮތްނަމަ އެކަން ސީދާ ރައީސާ ހިއްސާކުރާނެ ޖާގަ ފަހިކުރެވުނީއެވެ. ވަޒީރުން ކުރިފުޅުމަތީ އެއިން ބޭފުޅަކާމެދު، އެއިން ބޭފުޅެއްގެ ދަށުން ހިންގާ އިދާރާއަކާމެދު ނުރުހުންވާ ކަމެއް އޮތްނަމަ އެކަމެއް ދަންނަވައިލަން ފުރުސަތު ލިބުނީއެވެ.
މި ރައްޔިތުން ފާހަގަކުރާ ކަންކަމަކީ ކުރީގައި ހައްލުކުރެވުނުނަަމަ މިއަދު އެކަންކަމުގެ ވާހަކަ ނުދެކެވޭނެ ކަންކަމެވެ. އެކަަށީގެންވާ ދުވެއްޔެއްގައި ގެދޮރުވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރެވުނުނަމަ، ފުލެޓާއި ގޯތި ނުލިބިގެން އެކަމުގެ ގިލަންވެރިކަމުގައި އާދޭހާއި ޝަަކުވާ ހިފައިގެން ރައީސް ޑރ.މުޢިއްޒުގެ ކުރިފުޅު މައްޗަށް ދާންނުޖެހުނީއެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރައްވާފައި، ވެރިކަމުން ކުރީގެ ރައީސުން ފާބައިވަޑައިގަތްނަމަަ އެވާހަކަ ދައްކަންނުޖެހުނީއެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި އޮތްނަމަ މަގުމަތީގެ އުދަގޫތައް ރައީސަށް ކިޔައިދޭ އަޑެއް ނީވޭނެއެވެ.
މިއަދު ރައީސް އެހުރިހާ ޝަކުވާއެއް އަޑުއައްސަވައެވެ. ވަޒީރުންނަށް އެކަންކަން ނޯޓުކުރައްވައި، އެ މައްސަލަތަކަށް ސަމާލުކަންދެއްވަން ޖެހިވަޑައިގަންނަވަައެވެ. ކޮންމެ މައްސަލައަކަށް ޝަކުވާއަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ. އެކަމުގައި މުޅި ސަރުކާރު ޝާމިލުކުރައްވައިގެން އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން މަސައްކަތްތައް ކުރިއަށްގެންދަވައެވެ.
ހުލާސާއަކީ މިއަދު މި ޝަކުވާތައް އަޑުއިވެނީ މިއަދު އެ ޝަަކުވާތައް އަޑުއިއްވާނެ ފުރުސަތު ކޮންމެ ރައްޔިތަކަށް ރައީސް ދެއްވީމައެވެ. އިއްޔެ އެ ޝަކުވާތައް އަޑުނީވުނީ، އެ ޝަކުވާތައް އަޑުއައްސަވާނެ ވެރިޔަކު، އެ ކަންކަމުގެ ވާހަކަ އާއްމުކޮށް، އެންމެނަށް އިވޭނެހެން ވެރިޔެއްގެ ކުރިމަތީގައި ދައްކައިލާނެ ޖާގަ ދެއްވާނެ ރައީސަކު ނެތުމުންނެވެ. ތަފާތަކީ ރައްޔިތުންގެ އަޑުއައްސަވައި އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތައް ކުޑަކުރައްވައި، ރައްޔިތުންގެ ކުރިމަތީ ފުނިޖެހިފައި ހުރި މައްސަލަތައް ހައްލުކުރައްވަން އުޅުއްވާ ވެރިޔަކު ވެރިކަމުގައި ހުންނެވުމެވެ. މައްސަލަތައް ފެށުނީ އެމަނިކުފާނުގެ ވެރިކަމާ ހަމައިންނެއް ނޫނެވެ. ނަމަވެސް މައްސަލަތަކުގެ ވާހަކަ ވެރިޔަކާ ހަމައަށް ގެންދަން ފުރުސަތު ލިބުނީ އެމަނިކުފާނާ ހަމައިންނެވެ.