ENGLISH
19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިން ފަށަން 407 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފި
19 ނޮވެމްބަރު 2025
|
އެއްގަމު ދަތުރުފަތުރުގެ މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޑްރައިވަރުން ހޯދަން އެމްޓީސީސީން އިޢުލާނުކޮށްފިއެވެ.
ސަރުކާރުގެ ޓެކްސީ ލައިން އޮޕަރޭޓްކުރާނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މިއަދު ވަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް 407 ޑްރައިވަރުން ބޭނުންވާކަމަށް ބުނެފައެވެ.
އެމްޓީސީސީން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، 407 ޑްރައިވަރުންގެ ތެރެއިން 122 ޑްރައިވަރުން ޚާއްޞަކުރާނީ ޕާޓް-ޓައިމް މީހުންނަށް ކަމަށެވެ. ޑްރައިވަރުން މަސައްކަތް ކުރާނީ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފްކުރާ ގްރޭޓާ މާލެ ސަރަޙައްދުގައެވެ.
އެމްޓީސީސީން ބުނީ، ޚިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި، މިވަގުތު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
ޓެކްސީ ލައިންގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 17 ވަނަ ދުވަހެވެ.
އާއްމު ދަތުރުފަތުރަށް ލުޔެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ޓެކްސީ ލައިން ފެށުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން އަންނަނީ އެމްޓީސީސީއާ ގުޅިގެން ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ޓެކްސީ ލައިނުގެ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލޭއިން ތިން ބިމެއް ވެސް ހަމަޖައްސައިފައެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ކަމަށެވެ. ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވިދާޅުވީ ޓެކްސީ ލައިން ހިދުމަތަށް ނެރުވުމުން އަމިއްލައަށް ހިދުމަތް ފޯރުކޮށްދޭ މީހުންގެ ކާރުތަކާއި ސަރުކާރުގެ ޓެކްސީ ލައިނުގެ ކާރުތައް ގުޅިގެން ދިއުމުން މާލޭގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަަށެވެ.
ޓެކްސީ ލައިނު ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ މާލެއިން ޓެކްސީ ނުލިބުމުގެ ހިދުމަތް ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.