ENGLISH

19 ނޮވެމްބަރު 2025

Advertisement

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓް ކޮމެޓީން ފާސްކޮށްފި

19 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ބަޖެޓް ފޮތް މެންބަރަކު ވިދާޅުވަނީ --

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެެޅި ބަޖެޓް, ބަޖެޓް ދިރާސާކުރި ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ 64.2 ބިލިއަން ރުފިޔާ ބަޖެޓް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ މެންބަރުން ހިމެނޭހެން ހަތަރު މެންބަރަކު ވޯޓް ދެއްވި އެވެ.

ސަރުކާރުން މި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ނިސްބަތުން ކުޑަ ބަޖެޓެކެވެ. އެ ގޮތުން ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާ ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށެވެ.

"މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ،" މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 56.5 ބިލިއަން ރުފިޔާ އެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.5 ބިލިއަން ރުފިޔާ މި އަހަރަށް ފާސްކުރި އިރު،  އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ހުންނާނެކަމަށް މިހާރު އަންދާޒާ ކުރެވެނީ، މަޖިލީހުން ފާސްކޮށްދެއްވި އަދަދަށް ވުރެ ކުޑަ މިންވަރެއްގައި ކަމަށެވެ. އެއީ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ޚަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށް ފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ.

ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ޖުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު 49.2 ބިލިއަން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ސަރުކާރުން ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު