ENGLISH

19 ނޮވެމްބަރު 2025

Advertisement

އެމްޑީޕީއެއް މިހާރު ނެތް، އެ ޕާޓީން އެއްވަން ގޮވާލިޔަސް ދާނެ މީހަކު ވެސް ނެތް: ފަލާޙު

19 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު. --ފޮޓޯ: މަޖިލިސް

އިދިކޮޅު އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި، އެޕާޓީން އެއްވަން ގޮވާލި ނަމަވެސް އެތަނަށް ދާނެ މީހަކުވެސް ނެތް ކަމަށް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ނޮވެމްބަރ 17 ގައި ބޭއްވުމަށް އިޢުލާންކުރި ޖަލްސާ ކެންސަލްކުރި ސަބަބާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެ ޖަލްސާ އެ ޕާޓީން "ވިއްކާލީ" ކަމަށެވެ. އަދި ބިޑަށް ލައިގެން ވިއްކާލުމުން އެ ބިޑް ކާމިޔާބުކުރި ބަޔަކު ވެސް ނޭނގޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން އިސްލާހު ގެނައުމުގެ މާއްދާގެ އިބްތިދާއީ ބަހުސްގައި ފަލާހު ވިދާޅުވީ މަޖިލީހުގެ މިދިޔަ ދައުރުގައި އެމްޑީޕީ އަށް މެޖޯރިޓީ އޮތް އިރު ޤާނޫނެއް ހަދަން އަދި ޤާނޫނަކަށް އިޞްލާޙެއް ގެންނަން ވެސް ނުކެރުނު ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ އެމްޑީޕީން މި އިސްލާޙު މަޖިލީހަށް ހުށަހެށި ނަމަވެސް، އެ އިސްލާޙަށް ބަހުޘްކުރާނެ އެމްޑީޕީ މެމްބަރަކު ނެތި ބަހުޘް ނިމިގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ވެރިކަމާ އަދި 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނުމުންވެސް ކަމެއް ކުރަން ނުކެރުނުތާ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކޮށްދޭންވެސް ނުކެރުނު ކަމަށެވެ.

"އިޒުރޭލު ޕާސްޕޯޓް މަނާކުރުމުގެ އިތުރުން، ކުރިން ކޮށްފަ ހުރި ވައްކަމެއް ބަލަން ވެސް އެމްޑީޕީއަށް ނުކެރުނު. އަދި ހަމަ އެހެންމެ ރައްޔިތަކަށް ފައިދާވާނެ ޤާނޫނެއް ހަދަން ނުކެރުނުތާ ޤާނޫނަނަކަށް ރަނގަޅު އިސްލާޙެއް ވެސް ގެންނަން ނުކެރުނު ބަޔެއް،" ފަލާހު ވިދާޅުވި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ހުށަހެޅުއްވި އިސްލާޙު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގައި ފާސްނުކުރެވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް މީކާއިލް ވަނީ މިއަދު ވިދާޅުވެފައެވެ. އެކަމަށް ރައްޔިތުން ކިބައިން މީކާއީލް މާފަށް އެދިވަޑައިގަތުމުން ފަލާހު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީން މި ޤާނޫނު އުވާލަން ބޭނުން ވަނީ އެމީހުން ހިތުހުރި ތަނެއްގައި މުޒާހަރާކުރުމުގެ ބޭނުމުގައި ކަމަށާއި އެހެންނަމަވެސް މިރާއްޖޭގައި ދިރިއުޅެނީ ސިޔާސީ މީހުން އެކަނި ނޫންކަމަށާއި، ބަލިމީހުންނާ ކިޔަވާކުދިންނާ އަދި ޒަރުރީ ބޭނުންތައް ފުއްދަން ބޭނުންވާ ފަރާތްތަކެއް އުޅެމުން އަންނަ ކަމަށެވެ. އެމްޑީޕީ މީހުންނަކީ ކުރިންވެސް އެފަދަ ކަންތައްތައް ކޮށްފައިވާ ބަޔަކަށް ވާތީ އެހެންވެ މިހާރު ވެސް ސްކޫލް، ނޫނީ މިސްކިތް ކައިރީގައި ވެސް މުޒާހަރާ ކުރަށް ފަސް ނުޖެހޭނެ ބައެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ. އަދި ޤާނޫނު އުވާނުލިކަމުގައިވީ ނަމަވެސް އެމްޑީޕީއަށް ބޭނުންތަކެއްގައި މިހާރުވެސް އެއްވެ އުޅެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިފަދަ ޖޯކު އިސްލާޙުތައް ހުށަނޭޅުމަށާއި، އެ އިސްލާޙަށް ތާއީދު ނުކުރާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު