ENGLISH
16 ނޮވެމްބަރު 2025
ރާއްޖެ އާއި ފަލަސްތީނު ގައުމީ ޓީމުގެ މެޗުގެ ސްވެނިއަރ ޓިކެޓް ވިއްކަން ފަށައިފި
13 ނޮވެމްބަރު 2025
|
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފަރިތަކުުރުންތަކުގެ ކުރީން ފޮޓޯއަކަށް ހުއްޓިގެން.
ދިވެހި ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށް ވިއްކާ ސްވެނިއަރ ޓިކެޓް ވިއްކަން ފަށައިފިއެވެ.
މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފަހު މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. މި ދެ މެޗު ވެސް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގައި ރޭގަނޑު 8:30 ގައެވެ.
ސްވެނިއަރ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 7507006 ނަންބަރަށް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖްކުރުމުން ޓިކެޓް ލިބެންހުރި ނަމަ އެކަން އެފަރާތަކަށް އެންގުމުން، ޓިކެޓްގެ ފައިސާ އެފްއޭއެމްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމުން ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
އެފްއޭއެމުން ވަނީ، ފައިސާ ޓްރާންސްފަރ ކުރާއިރު، އެއީ އެ އެސޯސިއޭޝަންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓެއްކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރ (މަޖީދީމަގު އޮލިމްޕަސް ކުރިމަތި) އިން މިއަދު ހެނދުނު 9 އިން 12 އަށް އަދި މެންދުރު 2 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ޓިކެޓް ލިބެން ހުންނާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މެޗަކަށް ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ؛
ސްވެނިއަރ ޕްލެޓިނަމް ޓިކެޓް: ޖުމްލަ 50 ޓިކެޓް: ޓިކެޓެއް 1000ރ. އަށް (ވީއައިޕީ ރޮސްޓްރަމް)
ސްވެނިއަރ ގޯލްޑް ޓިކެޓް: ޖުމްލަ 200 ޓިކެޓް: ޓިކެޓެއް 500ރ. އަށް (ވީއައިޕީ ގޮނޑި)
މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.
އެފްއޭއެމުން ބުނީ، މި ދެ މެޗުގެ ސްވެނިއަރ ޓިކެޓް ވިއްކި ނަމަވެސް، ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ދަނޑުގެ ގޮނޑިބަރި އާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެ ކަމަށެވެ.