ENGLISH
16 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ރާއްޖޭގެ ރަފާ އާއި ދީމާގެ ޕެއާ ސެމީ އަށް
12 ނޮވެމްބަރު 2025
|
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޑަބަލްސް އިވެންޓްގެ މެޗަށްފަހު ރަފާ އާއި ދީމާ އުފާ ފާޅުކުރަނީ. --ފޮޓޯ: އެމްއޯސީ
މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރިޔާދްގައި ކުރިއަށްދާ މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓަރ ފައިނަލްގައި ފަހަތުން އަރާ ތިން ސެޓް ހޯދައިގެންނެވެ.
މި މެޗުގައި ރާއްޖޭގެ ރަފާ އާއި ދީމާގެ ޕެއާ މިސްރުގެ ޕެއާގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.
މިފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ރަފާ އާއި ދިމާއަށް މާރަގަނޅު ކުޅުމެއް ދެއްކޭގޮތްނުވުމާއެކު، މިސްރުގެ ޕެއާ އިން މި ސެޓު ގެންދިޔައީ 11-3 އިންނެވެ.
މެޗުގެ ދެވަނަ ސެޓްގައިވެސް މިސްރުގެ އެއްވަނަ ޕެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ތަޖުރިބާކާރު މި ދެ ކުޅުންތެރިން މި ސެޓު ފެށުނީއްސުރެ ލީޑު ނަގާފައިވަނިކޮށް، ރަފާ އާއި ދީމާގެ ޕެއާ ވަނީ 7-7 އިން އެއްވަރުކުރުމަށްފަހު، އިތުރު ފުރުޞަތެއްނުދީ 11-9 އިން ސެޓު ކާމިޔާބުކޮށްފައެވެ.
ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސްރުގެ ޕެއާއާ ދެކޮޅަށް ރަފާ އާއި ދީމާ ރަނގަޅު ކުޅުމެއްދައްކާފައިވެއެވެ. މި ސެޓުގައި މިސްރުގެ ޕެއާއަށާއި، ރާއްޖޭގެ ޕެއާ އަށް ވެސް މާބޮޑު ލީޑެއްނެގޭގޮތެއްނުވިއެވެ. މިއާއެކު، 10-10 އިން އެއްވަރުވެފައިވަނިކޮށް ރަފާ އާއި ދީމާގެ ޕެއާ މި ސެޓު ކާމިޔާބުކުރީ 13-11 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓު ވެސް ވަރަށް އެއްވަރު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ދެ ސެޓު ގެއްލިފައި އޮތުމުން މިސްރުގެ ޕެއާ އިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް، ހީކުރިވަރަށް ވުރެ ފަސޭހަކަމާއެކު ރަފާ އާއި ދީމާގެ ޕެއާ ވަނީ 11-5 އިން މި ސެޓުގައި ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.