ENGLISH
16 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް: ފެތުމުގެ އިވެންޓްގެ ފައިނަލަށް އަޔާނާ އާއި ލިންޑާ ދަތުރުކޮށްފި
12 ނޮވެމްބަރު 2025
|
އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ދިވެހި ފެތުންތެރިން ފަތަނީ. --ފޮޓޯ: އެމްއޯސީ
ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފެތުމުގެ އިވެންޓްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ޓީމުގެ ދެ ކުޅުންތެރިއަކު 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާދްގައި ކުރިއަށްދާ މުބާރާތުގެ ފެތުމުގެ އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމުގެ މަލައިކާ ލިންޑާ އިމްރާން އާއި އަޔާނާ އަރީފް ވަނީ ހީޓުތަކުގައި ވާދަކުރި ހުރިހާ ގައުމުތަކެއް ފެތުންތެރިންގެ ތެރެއިން އެންމެ އަވަހަށް ރޭސް ނިންމި ގަދަ 8 ގެ ތެރޭގައި ހިމެނިފައެވެ.
އެގޮތުން، 02:54.98 އިން ލިންޑާ ރޭސް ފުރިހަމަކުރިއިރު، އަޔާނާގެ ޓައިމިން އަކީ 03:08.81 އެވެ.
މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ ފެތުންތެރިޔާ ޢަލީ އިމްޢާން މި އިވެންޓު ނިންމާފައިވަނީ 02:25.20 އިންނެވެ.
މިއަދުގެ ހެނދުނުގެ އެންމެ ފަހު އިވެންޓަކަށް ދިވެހި ފެތުންތެރިން ފަތާފައިވަނީ 4 × 100 ފްރީސްޓައިލް ރިލޭ އިވެންޓެވެ. ފިރިހެނުންގެ މި ރިލޭ އިވެންޓުގައި ރާއްޖެ ތަމްޞީލްކޮށްފައިވަނީ އިމްޢާން، ލޫޠު، ރިޙާން، އައިދިންއެވެ. މި ފެތުންތެރިން ރިލޭ ރޭސް ނިންމާފައިވަނީ 04:03.40 އިންނެވެ.
މި މަހުގެ 7 އިން ފެށިގެން 21 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ.
ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ.