ENGLISH
12 ނޮވެމްބަރު 2025
ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް
11 ނޮވެމްބަރު 2025
|
ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޓީމު، މުބާރާތުގެ ޓްރޮފީއާއެކު. --ފޮޓޯ: އެފްއޭއެމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފެށި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އުތުރު ރީޖަންގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކުޅުދުއްފުށި ވަނީ 3-1 ގެ ނަތީޖާއަކުން ހަނިމާދޫ ބަލިކޮށްފައެވެ.
ކުޅުދުއްފުށީ ދަނޑުގައި ކުޅުނު މެޗުގައި ކުރީން ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ މުޙައްމަދު މުންސިފް އެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި ކުޅުދުއްފުށިން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިފާން އެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަދެފައިވަނީ ހަނިމާދޫގެ ގޯލްކީޕަރު އަތުގައި ޖެހިފައެވެ.
ހަނިމާދޫ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ހުސައިން އެވެ.
ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް
މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކުޅުދުއްފުށީގެ ތިންވަނަ ލަނޑުޖަހައިދިނީ މުޙައްމަދު ޒައިދު އެވެ. އެ ޓީމުގެ މުންސިފް ފޮނުވާލި ބޯޅައެއްގެ އެހީގައި ޒައިދު މި ލަނޑުޖެހީ ބޮލުންނެވެ.
މިއަދުގެ މެޗުން ހޯދީ މޮޅާއެކު ނޯތު ރީޖަންގެ ޒޯން އެކެއްގެ ކޮލިފައިންގ ބުރަށް ހދ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުދުއްފުށި ވަނީ ޖާގަ ހޯދާފައެވެ. މި މެޗުން ބަލިވި ހަނިމާދޫ ވަނީ އެ އަތޮޅުގެ ރަނަރަޕް ޓީމުގެ ގޮތުގައި މި ބުރުން ޖާގަ ހޯދަފައެވެ.
އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި ފުރަތަމަ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މި މުބާރާތުގެ ފޯމެޓުގައި ވާގޮތުން، ރީޖަންތަކުގެ ޓީމުތަކަށް އަންނަ ސީޒަނުން ފެށިގެން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިހާރު ކުރިއަށްދާ ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން އެންމެ ފުލަށްދާ ދެޓީމު އޮޓަމެޓިކުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވާނެއެވެ. އަދި، 7 ވަނަ އާއި 8 ވަނަ ޓީމު ވާދަކުރާނީ ލީގު ކޮލިފިކޭޝަނުގައި ވާދަކުރާނެއެވެ.
ކޮލިފިކޭޝަނުގައި ވާދަކުރާނީ މިހާރު ކުރިއަށްދާ ލީގުން 7 ވަނަ އަދި 8 ވަނަ ލިބޭ ޓީމާއި، ކޮންމެ ޒޯނަކުން ޗެމްޕިއަންކަން ހޯދާ ހަތަރު ޓީމެވެ. އެގޮތުން، ކޮލިފިކޭޝަނުގައި ޖުމްލަ 6 ޓީމެއް ވާދަކޮށް ގަދަ 4 ޓީމު އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ.