ENGLISH

16 ނޮވެމްބަރު 2025

Advertisement

އީތަން، ތޯއިފް އަދި އަޝްވާން ގައުމީ ސްކޮޑަށް

10 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ސީނިއާ ގައުމީ ޓީމުން އަލަށް ޖާގަ ހޯދި އެއް ކުޅުންތެރިޔާ ކަމަށްވާ، ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ. --ފޮޓޯ: އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މި މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި އައު ތިން ކުޅުންތެރިއަކު ހިމަނައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިޢުލާންކުރި ސްކޮޑުން މުޅިން އަލަށް ޖާގަ ހޯދި ކުޅުންތެރިންނަކީ، ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އާއި ބުރު ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު، ތޯއިފް ގާސިމްގެ އިތުރުން ކްލަބް އީގަލްސްގެ ގޯލްކީޕަރު، މުޙައްމަދު އަޝްވާން އެވެ.

ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ މި މެޗަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑުގައި ގިނައިން ހިމެނިފައިވަނީ މާޒިޔާގެ ކުޅުންތެރިންނެވެ. މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅޭ މާޒިޔާ ޓީމަށް ނިސްބަތްވާ ނުވަ ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ހިމެނިފައިވާއިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ތިބި ކްލަބް އީގަލްސްގެ ހަތަރު ކުޅުންތެރިއަކު ވަނީ ސްކޮޑުން ޖާގަ ހޯދައިފައެވެ.

ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ފިލިޕީންސް އާއި ޓިމޯ ލެސްޓޭގެ އިތުރުން ތަޖިކިސްތާނެވެ. ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅެފައިވަނީ ރަށުން ބޭރުގައެވެ. އެއަށްފަހު، ދެން އޮތް ބާކީ ތިން މެޗު ކުޅޭނީ ރާއްޖޭގައެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު މި ގްރޫޕުގައި ހިމެނޭ ތަޖިކިސްތާން ވަނީ ކޮލިފައިންގެ އެންމެ ކުރީގައި ފިލިޕީންސްއާ އެއްވަރަށް ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައެވެ. ފިލިޕީންސަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތްއިރު، ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

ގޯލްކީޕަރުން: ހުސެއިން ޝަރީފް (މާޒިޔާ)، މުޙައްމަދު ފައިސަލް (ބުރު ސްޕޯޓްސް)، މުޙައްމަދު އަޝްވާން (އީގަލްސް)؛

ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، ހަސަން ޝިފާޒް (މާޒިޔާ)، ހައިޝަމް ހަސަން (މާޒިޔާ)، އަހުމަދު އައިހަމް (އޮޑި ސްޕޯޓްސް)، އިބްރާހިމް އުސާމާ ހަސަން މަޖީދު (ބުރު ސްޕޯޓްސް)، ތޯއިފް ގާސިމް (ބުރު ސްޕޯޓްސް)، ހިސާމް ސަލީމް (އީގަލްސް)؛

މިޑްފީލްޑަރުން: އިބްރާހިމް އައިސަމް (މާޒިޔާ)، މުހައްމަދު އިރުފާން (ނިއު ރޭޑިއަންޓް)، އަހުމަދު އައިހަމް (މާޒިޔާ)، އީތަން އިބްރާހިމް ޒަކީ (ވެލެންސިއާ)، ހުސެއިން ނިހާން (އޮޑި ސްޕޯޓްސް)، ހަސަން ހައިޝަމް ހާމިދު (ވެލެންސިއާ)، އަހުޒަމް ރަޝީދު (އޮޑި ސްޕޯޓްސް)؛

ފޯވާޑުން: ހަމްޒާ މުހައްމަދު (މާޒިޔާ)، ނާއިޒް ހަސަން (މާޒިޔާ)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، އިބްރާހިމް މަހުދީ ހުސެއިން (އީގަލްސް)، ހަސަން ނަޒީމް (މާޒިޔާ)، އަހުމަދު ރިޒުވާން (އީގަލްސް)، ހަސަން ރާއިފް އަހުމަދު (ނިއު ރޭޑިއަންޓް)، މުހައްމަދު އިލާން އިމްރާން (މާޒިޔާ).

ކިޔުންތެރިންގެ ހިޔާލު