ENGLISH
06 ނޮވެމްބަރު 2025
މަސައްކަތް ހަވާލުކުރީ ގިނަ ކަންތައްތަކަށް ބަލައިގެން، ފައިސާ ލިބުމުގައި ދަތިކަމެއް ނޯންނާނެ: ރައީސް
06 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
މިއަދު 123 ރަށުގައި 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވިގެންދިޔައީ ވަރަށް ގިނަ ކަންތައްތަކަކަަށް ބެލުމަށްފަހު، ބޭންކުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކުރުމުންކަމަށާއި، އެ ކުންފުނިތަކަށް ފައިސާ ލިބުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްތައް އެ ކުންފުނިތަކާ ހަވާލުކުރީ 21 ދުވަހުގެ ތެރޭގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާ ގޮތަށް ކަމުގައެވެ. އަދި އުންމީދުކުރައްވަނީ ވަރަށް އަވަހަށް މަސައްކަތް ފެށި ހަލުއިކޮށް މަސައްކަތް ކުރިއަށްގެންދެވި މަޝްރޫއުތައް ނިންމައިލެވުންކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު 53 ކުންފުންޏަކާ 206 މަޝްރޫއެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. އެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަަވާލުކުރެވިފައިވާއިރު މީގެ ކުރިން ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގައި ދިމާވާ ގޮންޖެހުންތައް މިފަހަރު ދިމާނުވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
މިފަހަރު މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ބޭންކު މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތަށް އިންތިޒާމުތައް ތަރުތީބުކޮށްފައެވެ. އެކަން ފާހަގަކުރައްވަައި ރައީސް ވިދާޅުވީ އެއްވެސް ލަސްވުމެއް ނެތި ކުންފުނިތަކުން މަސައްކަތްކުރާ މިންވަރަކުން ބޭންކު މެދުވެރިކޮށް ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.
"އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި މި ސޮއިކުރެވިގެން ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ އަންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ. ކުރުމަށް މަޖުބޫރުވާނެ،" ފައިސާ ހަމަޖެހުމުން ކުންފުނިތަކުން ބަރާބަރަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވިއެވެ.
މިފަހަރު މަޝްރޫއުތައް ހަވާލުކުރީ ވަރަށް ބޮޑަށް ބަލައިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު މަޝްރޫއު ހަވާލުކުރި ހުރިހާ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ ތިން އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ރިޕޯޓުތައް ބޭންކަށް ހުށަހެޅި ކުންފުނިތައް ކަމަށެވެ. އަދި ބޭންކުން ބޭނުންވި އިތުރު އެތައް ކަމެއް އެ ކުންފުނިތަކުން ފުރިހަމަކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ ގާބިލު ކުންފުނިތަކެއް ކަމުގައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ހަލުއިކޮށް މަޝްރޫއުތައް ކުރިއަށްގެންގޮސް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.