ENGLISH

25 އޮކްޓޯބަރު 2025

Advertisement

ހުޅުދޫ އާއި މީދޫން ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫން ނިންމީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށް

25 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އައްޑޫ ސިޓީގައި މިއަދު ލީ ވޯޓަށްފަހު، ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްއެމްޓީވީ

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ނެގި އާއްމު ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ހުޅުދޫ އާއި މީދޫން ވަކި ކައުންސިލެއް އުފައްދަން ނިންމިއިރު، ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާކަމަށް ފޭދޫން ނިންމައިފިއެވެ. 

ވަގުތީ ނަތީޖާ ދައްކާގޮތުން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމީ މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކި އެ ދެރަށުގައި ވެސް ވަކި ކައުންސިލް އުފެއްދުމަށެވެ. އެކަމަކު ފޭދޫ ރައްޔިތުން ބޭނުންވީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އޮވެގެން ކުރިއަށްދާށެވެ. 

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާއްމުކޮށްފައިވާ ވޯޓުގެ ނަތީޖާގައި، ހުޅުދޫން 68.73 އިންސައްތަ މީހުން ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާކަމަށް އެރަށުން ވޯޓުދިނީ 31.27 އިންސައްތަ މީހުންނެވެ. 

މީދޫގެ ނަތީޖާ ދައްކާ ގޮތުން ވެސް ބޮޑު ތަފާތަކުން އެރަށު ރައްޔިތުން ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. އެގޮތުން މިހާތަނަށް ނަތީޖާ ދައްކާގޮތުން 85.47 އިންސައްތަ މީހުން ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާކަމަށް މީދޫން ވޯޓުދިނީ 14.53 އިންސައްތަ މީހުންނެވެ. 

އައްޑޫ ސިޓީގައި މިއަދު ކުރިއަށްދިޔަ ވޯޓުލުން. ހުޅުދޫ އާއި މީދޫން ބޭނުންވީ ވަކި ކައުންސިލެއް އުފައްދަން. ފޮޓޯ: އެމްއެމްޓީވީ

ހުޅުދޫ އާއި މީދޫއާ ޚިލާފަށް ފޭދޫ ރައްޔިތުންގެ ވޯޓަށް ބަލާއިރު، 72.83 އިންސައްތަ މީހުން ބޭނުންވީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށެވެ. ވަކި ކައުންސިލެއް އޮންނަން ބޭނުންވާކަމަށް ފޭދޫން ވޯޓު ދިނީ 27.17 އިންސައްތަ މީހުންނެވެ. 

އިލެކްޝަންސް ކޮމިޝަަނުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި ވޯޓުގައި ބައިވެރިވުމުގެ ހައްގު ފޭދޫއިން 4،355 މީހުންނަށް އަދި ހުޅުދޫން 2،874 މީހަކަަށް އަދި މީދޫން 2،347 މީހަކަށް ލިބެއެވެ. އެ ތިން ރަށުން ވޯޓުލުމުގެ ހައްގު 9576 މީހަކަށް ލިބެއެވެ. 

މި ވޯޓު ނެގުމަށް ފޭދޫގައި ފަސް ފޮށި އަދި ހުޅުދޫއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުން ވޯޓުލުމަށް މާލޭގެ ކަަލާފާނު ސްކޫލުގައި ހަތް ފޮށި ބެހެއްޓިއެވެ. 

އައްޑޫ ސިޓީ ކައުންސިލުން އިދާރީ ގޮތުން ވަކިވެ އެ ތިން ރަށުގައި ވޯޓުލާން ސަރުކާރުން ނިންމީ، އެކަމާމެދު ގޮތެއް ނިންމައިދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ރައްޔިތުން އެދުމުންނެވެ. އެހެންކަމުން، އެމައްސަލައަށް ދާއިމީ ހައްލެއް ހޯދައިނުމަށް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ. އަދި، ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެ ނިންމުން ސަރުކާރުން ބަލައިގަންނާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު