ENGLISH
25 އޮކްޓޯބަރު 2025
ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ކުރިމަގު ސައްލާ %75 ރަށުގައި ނިންމާލައިފި
25 އޮކްޓޯބަރު 2025
|
ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ސައްލާގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ތަރަައްގީގެ ޕްލޭން އެކުލަވައިލުމަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ރާއްޖޭގެ %75 ރަށުގައި ނިންމާލައިފިއެވެ.
"ކުރިމަގު ސައްލާ"ގެ ނަމުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ހިޔާލު ހޯއްދެވުމުގެ މަސައްކަތް ފަށައި، ހުރިހާ ރަށެއްގައި އެ މަސައްކަތް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް ރާއްޖޭގެ 16 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ސައްލާގެ ބައްދަލުވުންތައް ބާއްވައި ނިމިފައިވެއެވެ. 142 ރަށެއްގަައި ކުރިއަށްގެންދެވުނު ހުރިހާ ބައްދަލުވުންތަކެއްގެ ތެރެއިން ޖުމްލ 6،000 އަށްވުރެ ގިނަ މީހުންގެ ހިޔާލާ މަޝްވަރާ ހޯދިފައިވެއެވެ.
މި މަސައްކަތްކުރުން ހަވާލުކޮށްފައިވާ ނެކްސިއާއިން ބުނެފައިވަނީ މިހާރު ހިޔާލު ހޯދުމުގެ މަސައްކަތް ނިމިފައިނުވަނީ 47 ރަށުގައިކަމަށްވާތީ އެ ރަށްރަށުގެ ބައްދަލުވުންތައް ކުރިއަށް އޮތް ހަފުތާއެއްހައި ދުވަސް ތެރޭ ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު އަތޮޅު ތެރޭގައި ބާއްވާ ސައްލާ ބައްދަލުވުންތައް ނިމިގެންދާނެއެވެ.
އިތުރަށް އެ ކުންފުނިން ބުނެފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ފަށާނީ އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ހަފުތާގައި ކަމަށެވެ. ހިޔާލު ހޯދުމަށް މާލޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ނޮވެންބަރު 7 ވަނަ ދުވަހާއި 13 ވަނަ ދުވަހުއެވެ. ހުޅުމާލޭގައި އޮންނާނީ އަށްވަނަ ދުވަހާއި 14 ވަނަ ދުވަހުއެވެ. ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ އަންނަ ނުވަވަނަ ދުވަހުއެވެ.
އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުގެ އިތުރަށް އެކި ދާއިރާތަކުގެ ފަންނީ މާހިރުންނާ ބައްދަލުކޮށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައްވެސްވަަނީ ފަށާފައެވެ. އެގޮތުން 20 ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު އެކި ދާއިރާތަކުގެ މާހިރުންނާއެކު 60 މައުޟޫއަކަށް އެ ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކުރާނެއެވެ.
މި ބައްދަލުވުންތައް ނިމުމުން، މި ސައްލާތަކުގެ ތެރެއިން އެއްކުރެވޭ ހިޔާލުތަކުގެ މައްޗަށް ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ފަށާނެއެވެ. އެ ސިޔާސަތުތަކުގެ ތެރޭގައި ކުރު މުއްދަތުތަކުގައި ހާސިލުކުރަން ބޭނުންވާ ކަންކަމާއި މެދު އަދި ދިގު ރާސްތާގެ ސިޔާސަތުތައް ހިމެނޭނެއެވެ.