ENGLISH
23 އޮކްޓޯބަރު 2025
އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭގޮތް ހަދަނީ
23 އޮކްޓޯބަރު 2025
|
ސަޢޫދީ އަރަބިއްޔާގެ ޤައުމީ އެއާލައިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. --ފޮޓޯ: އެމްއޭސީއެލް
އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭގޮތް ވަރަށް އަވަހަށް ހައްދަވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ކުރަން ދިވެހި ކުންފުނިތަކަށް ހުޅުވާލަން ނިންމަވާފައިވާކަން ވަޒީރު ހާމަކުރެއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ އެކަމާ ގުޅިގެން އެއާ ޓްރާންސްޕޯޓް ސޭލްސްގެ އާ ޤަވާއިދު ވަރަށް އަވަހަށް ގެޒެޓުކުރައްވާނެ ކަމަށެވެ.
އާ ގަވައިދުގެ ދަށުން ޖެނެރަލް ސޭލްސް އެޖެންޓުންގެ އިތުރުން ފަސިންޖަރ ސޭލްސް އެޖެންޓުން އަދި ކާގޯ ސޭލްސް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރާނީ 100 އިންސައްތަ ދިވެހި ކުންފުނިތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ކުންފުނިތަކަށް އެ ފުރުސަތު ދިނުމަކީ، ދިވެހިން ކުރަމުން އައި ދިގު އިންތިޒާރެއް ކަމަށް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި އަހަރު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ބޭރުގެ އެއާލައިންތަކުގެ އޮޕަރޭޝަންސް މިހާރު ވަނީ ބަދަލުކުރަން ފަށައިފައެވެ. އަދި، އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުކުރުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.
ވަޒީރު ވިދާޅުވިގޮތަށް ގެންނަ އާ ބަދަލާއެކު، ރާއްޖޭގައި ސޭލްސް އެޖެންޓުކަން ކުރާ ދިވެހި ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ފައިދާ އިތުރުވެގެންދާނެއެވެ.