ENGLISH

22 އޮކްޓޯބަރު 2025

Advertisement

ގަމުގެ ތުނޑީގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ނަރުދަމާ އަޅަން ފަށައިފި

22 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ލ.ގަމުގެ ތުނޑީގައި މީހުން އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ މަސައްކަތް ފެށުން، ފޮޓޯ: ރައީސް އޮފީސް

ލ.ގަމުގެ ތުނޑި އަވަށުގައި ފެނާއި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގަމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނެވެ. ގަމަށް ރައީސް ވަޑައިގަތީ އިއްޔެއެވެ. 

ތުނޑީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފަައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. 

މި މަޝްރޫއުގެ އިތުރަށް މިއަދު ވަކިން ބޭއްވި ރަސްމިއްޔާތެއްގައި ގަމުގައި ގާއިމުކުރާ ކޮމިއުނިޓީ ބޭސްޑް ރިހިބިލޭޝަން ސެންޓަރުގެ ބިންގާވެސް އަޅާފައިވެއެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރ މޫސާ ޒަމީރެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދިޔައިރު ރޭ ގަމު ރައްޔިތުންނާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދަަން ނިންމާފައިވާ ގިނަ އަދަދެއްގެ މުހިއްމު މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. 

ގަމުގައި 300 ހައުސިން ޔުނިޓު އެޅުމާއި، އެ ރަށުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުން ހިމެނޭ ގޮތަށް ސޮއިކުރެވުނު ހުރިހާ މަޝްރޫއެއްވެސް ހަލުއިކަމާއެކު ކުރިއަށްގެންގޮސްދެއްވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރޭ ރައީސް އެ ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. 

ގަމަކީ ރާއްޖޭގެ އެންމެ ބިން ބޮޑު އެއް ރަށަށްވާއިރު، އެ ރަށަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހިޖުރަކުރަމުންނެވެ. ރޭ ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ކުރިއަށްގެންދާ އެއް ރަށަށްވާނީ ލ.ގަމެވެ. 

ކިޔުންތެރިންގެ ހިޔާލު