ENGLISH
21 އޮކްޓޯބަރު 2025
ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެ
21 އޮކްޓޯބަރު 2025
|
ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ދިވެހިރާއްޖެއަށް ހަވާލުކޮށްފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.
މި އަހަރުގެ ގްލޯބަލް ޓޫރިޒަމް ފޯރަމްގެ އަހަރީ ބައްދަލުވުމުގެ އެންމެ ޚާއްޞަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހި ރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ.
މި ހަފުލާގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައެވެ.
"ރީޑިފައިނިންގ ޓޫރިޒަމް އިން އަ ޗޭންޖިންގ ވޯރލްޑް،" މި ޝިޢާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓޫރިޒަމް ފޯރަމްގެ އަހަރީ ބައްދަލުވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާޢަތުގެ މުސްތަޤްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ.
ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މި އަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހި ރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.