ENGLISH
21 އޮކްޓޯބަރު 2025
އެސްއީޒެޑްގަައި މީހުން އާބާދުކުރުމަށް ޓައުންޝިޕުތައް ގާއިމުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި
21 އޮކްޓޯބަރު 2025
|
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: މަޖިލިސް
ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި މީހުން އާބާދުވެ ދިރިއުޅޭ ގޮތަށް "ޓައުންޝިޕް" އުފެއްދޭނެހެން އެސްއީޒެޑްގެ ގާނޫނަށް އިސްލާހެއް ގެނައުމަަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ބާރަށު ދާއިރާގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއެވެ. އެ ބިލުގައި މައިގަނޑު އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ހިމަނާފައި އޮތީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭ ސަރަަހައްދުތަކުގެ ބާވަތްތަކަށް ބަދަލު ގެނައުމެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އެސްއީޒެޑްގެ ގޮތުގައި ގާއިމުކުރެވެނީ ސިނާއީ ސަރަހައްދުތައް އެކަންޏެވެ. ނަމަވެސް ޝުޖާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ސިނާއީ ސަރަހައްދުތަކުގެ އިތުރަށް "ސަސްޓެއިނަބަލް ޓައުންޝިޕް"ވެސް އީއީޒެޑްގެ ގޮތުގައި ތަރައްގީކުރެވޭނެއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕުގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކާއި ރިއަލް އެސެޓޭޓް މަޝްރޫއުތައް ހިންގޭނެއެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތައް ގާއިމުކުރާ ސަރަހައްދު މެނޭޖުކުރަންޖެހޭނީ އެއް މެނޭޖުމެންޓަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.
ހ- އިންޑަސްޓްރިއަލް އެސްޓޭޓް
ށ- އެކްސްޕޯޓް ޕްރޮސެސިން ޒޯން
ނ- ފްރީޓްރޭޑް ޒޯން
ރ- އެންޓަޕްރައިޒް ޒޯން
ބ- ފްރީ ޕޯޓް
ޅ- ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިން ޒޯން
ކ- އޯފްޝޯ ފައިނޭންޝަލް ސާވިސް
އ- ހައިޓެކްނޮލޮޖީ ޕާކް
ޝުޖާ ހުށަހެޅުއްވި އިސްލާހުގެ ދަށުން މި އަކުރުތަކަށް (ވ) އިތުރުކޮށް އެ އަކުރުގައި ޓައުންޝިޕް ހިމަނާނެއެވެ. އެ ބިލުގައިވަނީ ޓައުންޝިޕް އުފެއްދުމުގެ ޝަރުތެއްގެ ގޮތުން ވަކި މިންވަރަކަށް ފައިސާ އިންވެސްޓުކުރުން ލާޒިމުވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ޓައުންޝިޕެއް އުފެއްދޭނީ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެންނެވެ. އަދި އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ތަނެއް ހުރުމާއެކު، އެ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އުފައްދަންޖެހޭނީ އިއާދަކުރަނިވި ހަކަތައިންނެވެ.