ENGLISH
21 އޮކްޓޯބަރު 2025
ހޮޓަލް ސްކޫލު ހިމެނޭ ރިސޯޓުވާނީ ފަތުރުވެރިކަމަށް މީހުން ބިނާކުރުމުގައި ލިބޭ ބޮޑު ކުރިއެރުމަކަށް: ރައީސް
21 އޮކްޓޯބަރު 2025
|
ލ. މާމެންދޫގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ލ.ހުޅިމެންދޫގައި ތަރައްގީކުރާ ހޮޓަލް ސްކޫލު ހިމެނޭ ރިސޯޓުވާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ ދިވެހިން ބިނާކުރުމުގައި ލިބިގެންދާ މުހިއްމު ކުރިއެރުމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓަލް ސްކޫލަކާއި، އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ތައުލީމާއި ތަމްރީނު ފުރިހަމަކުރާނެ މަތީ ފަންތީގެ ރިސޯޓަކާއެކު ތަރައްގީކުރުމަކީ ރައީސް ޑރ.މުޢިއްޒު ފާއިތުވި ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަަތްތަކުގެ ތެރެއިން ގައުމީ ޔުނިވަސިޓީން ހޮޓެލް ސްކޫލު ގާއިމުކުރުމަށް ފަންނީ ގިނަ މަސައްކަތްތަކެއް ފުރިހަމަަކޮށްފައިވެއެވެ.
ރައީސް ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ހުޅުމެންދޫގައި ރިސޯޓާއި ހޮޓަލް ސްކޫލު ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ އެ ކުންފުންޏަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ގާބިލު ކުންފުންޏަކަށްވާތީ ކަމަށެވެ. އެގޮތުން މ.އަތޮޅުގައި މިހާރުވެސް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ރިސޯޓެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހޮޓަލް ސްކޫލާއެކު ތަރައްގީކުރާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ގައުމީ ޔުނިވަސިޓީން ބޭނުންވާ ގޮތަށް އެ ރިސޯޓު ތަރައްގީކުރެވި ހޮޓަލް ސްކޫލު ހިމެނޭ ގޮތަށް ރިސޯޓު އޮޕަރޭޓުކުރަން ފެށުމުން، ވަޒީފާގައި ތިބެގެން ފަތުރުވެރިކަމުގެ އެންމެ މަތީ ހިދުމަތް ދިނުމުގެ ތަމްރީނު ދިވެހިންނަށް ފޯރުކޮށްދެވި އެކަމުގެ ސަބަބުން އެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"ގައުމީ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި، އެންމެ މަތީ ފެންވަރުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ދިވެހިން ބިނާކުރުމަށް މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް. އޮން ދަ ޖޮބް ޓްރެއިނިން އެންމެ ރަނގަޅު ފެންވަރުގައި ފައިވް ސްޓާ ފެންވަރުގެ ހިދުމަތް ދޭ ރިސޯޓެއްގަައި ލިބިގެންދިއުމަކީ ރާއްޖޭގެ ޓޫރިޒަމްގައި މަސައްކަތްކުރަން ބޭނުންވާ އަދި މަސައްކަތްކުރާ އެންމެންނަށް ލިބޭ ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.
މިއަދު މާމެންދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި ބައްދަލުވުމުގައި އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
އެ މަޝްރޫއުތަކަށް އަލިއަޅުވައިލައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެ ހުރިހާ މަޝްރޫއެއްވެސް ހުއްޓުމެއްނެތި ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ވަކިވަކި މަޝްރޫއުތަކާމެދު ދެއްކެވި ވާހަކަފުޅުގައި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރަށު ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީކުރުންވެސް ހިމެނޭ ގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ އިތުރަށް އެ ރަށަށް ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށައި މި އަހަރު ތެރޭ ނިންމުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެ ރަށު ސްކޫލަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އުމްރާނީ މަސައްކަތް ކަމުގައިވާ މަލްޓި ޕާޕަސް ހޯލުގެ މަސައްކަަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީ އެންމެ އަވަސްމިނެއްގައި އަންނަ އަހަރު ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އިތުރަށް އެ ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުނި މެނޭޖުކުރުމުގެ މަސައްކަަތް މިހާރު ވެމްކޯއާ ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު އެ ރަށުގައި ފުޓްސަލް ދަނޑު އެޅުމާއި، ހޭންޑް ބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރުމަށް ރޭވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.