ENGLISH
21 އޮކްޓޯބަރު 2025
ފޮނަދޫގައި އެމްއައިބީ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި، އެންޑީއެމްއޭގެ އޮޕަރޭޝަން ސެންޓަރުގެ ބިންގާ އަޅުއްވަައިފި
21 އޮކްޓޯބަރު 2025
|
ފޮނަދޫ ޑިޒާސްޓަރ މެނޭޖުމެންޓު އޮޕަރޭޝަންސް ސެންޓަރުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފެށުން، ފޮޓޯ: ރައީސް އޮފީސް
ލ.ފޮނަދޫގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ހިދުމަތް އިފުތިތާހުކޮށްދެއްވަައި، އެ ރަށުގައި ގާއިމުކުރާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަަކަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަައި އެ ރަށުގައި ގާއިމުކޮށްފައިވާ އެމްއައިބީގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނެވެ.
އެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްވަނީ އެ އޭޓީއެމްއިން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި އެމްއައިބީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.
އަދި ފޮނަދޫގައި މިއަދު ބޭއްވި ވަކި ރަސްމިއްޔާތެއްގައި އެ ރަށުގައި ތަރައްގީކުރާ ޑިޒާސްޓަރ މެނޭޖުމެންޓުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. ޒަމީރުގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފަައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ބައިވެރިވެވަޑައިގަތެވެ.
މި ދެ މަޝްރޫއުގެ އިތުރަށް، ފޮނަދޫގައި ގާއިމުކުރާ އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހުގެ އަމަލީ މަސައްކަަތްވެސް މިއަދުވަނީ ފަށާފައެވެ. އޭގެ އިތުރަށް އެ ރަށުގެ ބިން ހިއްކުމާއި، ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދުވަނީ ފަށާފައެވެ.
ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒުވަނީ ފޮނަދޫގައި ފަށާ ތަރައްގީގެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފަައެވެ.
ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް އަންނަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް ކުރިއަށްދެއެވެ.