ENGLISH

22 އޮކްޓޯބަރު 2025

Advertisement

ތެލެސީމިއާ ކުދީންގެ ޙާލަތޭ ބުނެ އެމްޑީޕީން އޮޅުވާލަން ކުރި މަސައްކަތް ފެއިލްކޮށް ޝުޖާއު ވިދާޅުވެ ދެއްވީ އަދުގެ ހަޤީޤަތް

21 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ބާރަށު ދާއިރާގެ މެންބަރު އިބްެރާހިމް ޝުޖާއު

ލޭ ލިބުން ދަތިވެފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އެ ޕާޓީގެ މެންބަރުން ތެލެސީމިއާ ކުދީންގެ މިއަދުގެ ޙާލަތޭ ވިދާޅުވެ އޮޅުވާލަން ދެއްކެވި ވާހަކަތަކުގެ ހަޤީޤަތް ސާފުކޮށް ދެއްވާ ބާރަށު ދާއިރާގެ މެންބަރު އިބްެރާހިމް ޝުޖާއު އެމްޑީޕީއަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި މި ޤަރާރަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައިވެސް ހުންނެވި ޝުޖާއު ވިދާޅުވި ގޮތުގައި މި ޤަރާރުގައި މިއަދާ ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. އެއާ ޚިލާފަށް މިއީ ރައްޔިތުންނަށް އޮޅުވާލަން އަދި އެމްޑީޕީ ސަރުކާރުގައި ތެލެސީމިއާ ކުދީންނާއި އާއިލާތަކަށް ވެފައިވާ ބޭއިންސާފާއި އިހްމާލު ފޮރުވަން ހުށައަޅާފައިވާ ޤަރާރެކެވެ.

ޝުޖާއު ވިދާޅުވީ މި ޤަރާރަށް އޭނާ ދެކޮޅު ހައްދަވާ މައިގަނޑު އެއް ސަބަބަކީ އެ ޤަރާރަކީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަށް ހުށައަޅަން ޖެހޭ ޤަރާރެއް ކަމަށް ޤަބޫލެއް ނުކުރެއްވުމެވެ. އަދި އެމްޑީޕީގެ ސަރުކާރެއް އޮވެ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ނިމިދިޔަ މަޖިލީހަށް އެ ޤަރާރު ހުށައެޅުއްވި ނަމަ އެއީ މުނާސަބު ޤަރާރަކަށްވީސް ކަމުގައި ވިދާޅުވި އެވެ.

ޝުޖާއު ހަނދާންކޮށްދެއްވީ ކުރީގެ ޙާލަތު

މަޖިލީހުގައި ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ ތެލެސީމިއާ ކުދީންނާއި އެ ކުދީންގެ އާއިލާތަކުގެ ޙައްޤުގައި ކަމަށް ބުނެ އެމްޑީޕީން މިއަދު ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ތެލެސީމިއާ ކުދީންނާއި އާއިލާތަކާއި ތެލެސީމިއާ ސެންޓަރު ހުރި ހާލަތު ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެ އެކުދީންނާއި ތެލެސީމިއާ ސެންޓަރަށް ވެފައިވާ އިޙްމާލު ޝުޖާއު ސާފުކޮށް ދެއްވި އެވެ. އެންމެ ކުޑަމިނުން އެތަން ހިންގަން ވެރިއަކުވެސް ލާފައި ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އަދި ވިދާޅުވީ "ކުނި ލޭ" އަޅަން ޖެހުނު ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އދި އެކަން ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ސާފުކޮށް ދެއްވި އެވެ.

ޝުޖާއު ވިދާޅުވީ ތެލެސީމިއާ ކުދީންގެ އާއިލާތައް ކަންބޮޑުވުންތަކާއި ގުޅިގެން އެ އާއިލާތަކުގެ އައްސަވަން ތެލެސީމިއާ ސެންޓަރަށް ވަޑައިގަތީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ތެލެސީމިއާ ކުދީންނާމއެދު ރައީސްގެ އޮތީ ވަރަށް ޚާއްސަ ބެއްލެވުމެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ބައު އިމާރާތުން އެތަން ވަސީލަތްތައް ރަނގަޅު އޮރެންޖް ހިޔާއަށް ބަދަލުކޮށް ދެއްވި ކަމަށެވެ. އަދި މާލެ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ދަށަށް އެ ސެންޓަރު ބަދަލުކޮށް ކުޑަކުދީންނަށް ޚާއްސަ ވޯޑެއް ތައާރަފުކޮށް އިތުރު ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްދޭ ގަޑިތައްވެސް އިތުރުކުރައްވާފައިވާކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ މި ޤަރާރު މި މަޖިލީހާއި ނުގުޅެނީ," ވަރަށް ތަފްސީލުކޮށް ވާހަަކަ ދައްކަވަމުން ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީން އެންސްޕާއާ އާސަންދަ 3.4 ބިލިއަނުން ދަރުވާލި

މިއަދުގެ ބަހުސްގައި ޝުޖާއު ވަނީ ރާއްޖޭގެ ސިއްޙީ ހާލަތު އެމްޑީޕީން ވައްޓާލި ހިސާބާއި ވެރިކަން ނިންމާލިއިރު އެންސްޕާއާ އާސަންދައަށް ހަދާފައި އޮތް ގޮތްވެސް ތަފްސީލު ކޮށްދެއްވާފަ އެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒަށް ވެރިކަން ވާރުވަތުވީއިރު އެންސްޕާ އާއި އާސަންދަ އޮތީ ދަރުވާލާފައި ކަމަށެވެ. އެ ގޮތުން ހަމައެކަނި ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދައިން 1.6 ބިލިއަން އަދި އެންސްޕާ އިން 1.4 ބިލިއަން ދައްކަން އޮތްކަން ފާހަގަ ކުރެއްވި އެވެ.

އެތެރޭގެ ދަރަނި 400 މިލިއަނުން މަތީ އޮތްކަން ވެސް ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިއަދު ފަޚުރުވެރިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަންކަން ހައްލުކުރުމުގެ ތެރެއިން އެންމެ އިސްކަން ދެއްވައިގެން މިހާރު ކުރައްވާ ކަމަކީ އާސަންދަ, އެންސްޕާ ތެރެ އިސްލާހްކުރުން. އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާކަން މިތާންގައި ތިބި އެމްޑީޕީގެ މެންބަރުންވެސް އެބަ ޤަބޫލުކުރޭ," ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ޙާލަތު އޮތީ ބޮއްސުންލާފައި ކަމަށެވެ. ކޮވިޑްގެ އާލަމީ ވަބާގައި ބޭރުގެ ޖަމިއްޔާތަކާއި ޤައުމުތަކުން އެތައް މިލިއަން ރުފިޔާއެއް ލިބުނުއިރު ރައްޔިތުން ޖެހުނީ މާސްކުވެސް ގަންނަން ކަމުގައި ވިދާޅުވި އެވެ.

ޤަރާރު ހުށައެޅުމަށް ފަހު އެމްޑީޕީއާ ކުޑޫވެސް ފިލީ

މަޖިލީހަށް މެންބަރު ހުށަހެޅި ގަރާރުގައި މިހާރު ތެލެސީމިޔާ ކުދިންނާއި ކުއްލި އެކި ހާލަތްތައް މެދުވެރިގެން ލޭ ބޭނުންވާ މީހުންނަށް ލޭ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ލޭ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަމަށް މެންބަރު ތުހުމަތު ކުރި އެވެ.

މި ގަރާރަށް ބަހުސްކުރުމަށް ދިން ފުރުސަތުގައި އެމްޑީޕީގެ މެންބަރުން އެކި ތުހުމަތުތައް ކުރުމާއެކު ތަފާތު ވާހަކަތައް ދެއްކި އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމައިލުމުގެ ކުރިން އެ ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހިއެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ތަޅުމުގައި ނެތެވެ. 

އެންމެ ކުޑަމިނުން މަޖިލީހަށް މި ގަރާރު ހުށަހެޅި މެންބަރު ކުޑޫ ވެސް ނެތެވެ. 

ކިޔުންތެރިންގެ ހިޔާލު