ENGLISH
21 އޮކްޓޯބަރު 2025
ފޮނަދޫ ބިން ހިއްކުމާއެކު، ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފި
21 އޮކްޓޯބަރު 2025
|
ކައްދޫ އެއާޕޯޓު ތަރައްގީކުރުމާއި ފޮނަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން، ފޮޓޯ: ރައީސް އޮފީސް
ލ.ފޮނަދޫ ބިން ހިއްކުމާއެކު، އެ އަތޮޅު އެއާޕޯޓު ކަމުގައިވާ ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޮނަދުއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރަށް ލ.ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ. ކައްދޫ އެއާޕޯޓަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގަމުން އައި އެއާޕޯޓެއް ނަމަވެސް މި ސަރުކާރުން އެ ކުންފުނި އުވައިލާ، އެ ކުންފުނީގެ ދަށުން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށްވަނީ ބަދަލުކޮށްފައެވެ.
ފޮނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. އެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވުމުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ފެންވަރަށެވެ. އެ އެއާޕޯޓުގައި 2،800 މީޓަރުގެ ރަންވޭއެއް ތަރައްގީކުރާނެއެވެ. އެ މަސައްކަަތް ކުރާނީ ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަންނުޖެހޭ ގޮތަށެވެ.
ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ފޮނަދޫގައި ފެށިގެންދާ އަދި ހިންގުމަށް އެކި ކުންފުނިތަކާ ހަވާލުކުރެވޭ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ހަލުއިކޮށް ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ.
ރޭގެ ޖަލްސާގެ ތެރެއިން ފޮނަދޫގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫގައި އޮފީސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ފޮނަދޫ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
އެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަަތް މިއަދު ހެނދުނުވަނީ ފެށިފައެވެ. އެ މަޝްރޫއުތަކަކީ ރިޔާސީ އިންތިހާބުގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށްގެންދަވަން ރައީސް ވައުދުވެވަޑައިގެންނެވި މަސައްކަތްތަކެވެ.
ރައީސް އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މުހިއްމު ގިނަ ތަރައްގީގެ މަޝްރޫއުތަކެއް އަންނަނީ ފަށަމުންނެވެ. އަދި ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި އަންނނީ ސޮއިކުރަމުންނެވެ.