ENGLISH

18 އޮކްޓޯބަރު 2025

Advertisement

ހުޅުމާލޭގެ ދުވާރުތަކުގައި ބަހައްޓާފައިވާ ގޮނޑިމޭޒުތައް ނަގަން އަންގައިފި

17 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތްދެނީ. --ފޮޓޯ: މިހާރު

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި، ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީ އިން ބުނީ، މިދިޔަ އަހަރު އެކި ފަހަރުމަތީން ތަކުރާރުކޮށް، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް ދެންނެވިފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ޚިދުމަތް ދެމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް، ދުވާރު މައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއްކަން ވެސް ތަކުރާރުކޮށް ހަނދާންކޮށްދީފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް ހަފްތާއެއްގެ މުހުލަތު ދީފައިވާ ކަމަށެވެ. އެގޮތުން، މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ކުރީން އެ ތަނުގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށް އެދޭ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައި ނުވާނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެއްޗާއި، ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް އެކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި، މި މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށާއި، މިފަދަ ކަންކަމުގައި މިހާތަނަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު