ENGLISH

16 އޮކްޓޯބަރު 2025

Advertisement

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ސަރުކާރުން ދަނީ ކައިރިން ބަލަމުން، ހުރިހާ މަޝްރޫއެއް ނިމޭނެ: ރައީސް

16 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ޅައިމަގު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ރަށްރަށުގައި ފަށަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ވަރަށް ކައިރިން ސަރުކާރުން ބަލަމުންދާ ކަމަށާއި، އެ ހުރިހާ މަޝްރޫއެއްވެސް ރައްޔިތުން އެދޭ ގޮތަށް ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ޅައިމަގަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ފަށަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިންމަައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ ތަފުސީލުތައް ދުވަހުން ދުވަހަށް ބަަލައި މޮނީޓާ ކުރެވޭނެ އިންތިޒާމުތައް ތަރުތީބުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ޅައިމަގު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ރައީސްވަނީ އެ ރަށުގައި ސަރުކާރުން ހިންގަން ގަސްތުކުރާ އަދި ފަށާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވައިލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެ ރަށުގައި އަލަށް ބިނާކުރާ ސިއްހީ މަރުކަޒާއެކު، ވޯޑަށް އެނދު އިތުރުކުރެއްވި ލެބޯޓަރީގެ ހިދުމަތް ތައާރަފުކުރެވި ސިއްހީ މަރުކަޒުން 16 ގަޑިއިރު ހިދުމަތް ދޭން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަދު އެ ރަށުގައި ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އިތުރަށް ކައުންސިލު އިދާރާގެ އިމާރާތާއި، ފިޓަނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތް އެޅުމުގެ މަޝްރޫއު ހިމެނެއެވެ. 

އެ ރަށުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްނުގޮސް މަޑުޖެހިފައި އޮންނަތާ ދެ އަހަރުވީ ކުނިކޮށީގެ މަޝްރޫއު ކުރިން ހަވާލުކުރި ކުންފުނިން ވަކިކޮށް، އެހެން ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އެ ރަށު ރައްޔިތުންނަށް ދެއްވިއެވެ. 

ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ސްކޫލްގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރަށް ޅައިމަގު ބަނދަރު ތަރައްގީކުރމުގެ މަސައްކަތާއި، ސްވިމިން ޓްރެކެއް އެޅުމާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ބިނާކުރެއްވުމާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ އުފާވެރި ހަބަރު އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ހިއްސާކުރެއްވިއެވެ. 

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ޅައިމަގު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ރަށުގެ ބަނދަރު ހެދުމާއި، ޕްރީ ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވުމާއި، ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް ނަމަވެސް، އަމިއްލަ ގޯތީގައި ގެއެޅޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ތަރައްޤީގެ މުހިންމު ކަންކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު